ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނާއި ދެކޮޅަށް ކުޅޭ މެޗަށް ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ފިޓްވެއްޖެއެވެ.
ބެންޒެމާ އަށް އަނިޔާވެފައިވަނީ ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން އެންމެފަހުން ބަލްގޭރިއާ އަތުން 3-0 އިން ފްރާންސް މޮޅުވި މެޗުގައެވެ. އެގޮތުން އެ މެޗުގެ ފުރަތަމަ ހާފްގައި ލިބުނު އެ އަނިޔާއާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.
އެ މެޗަށްފަހު ފްރާންސްގެ ފޯވާޑް އެންޓުއާން ގްރިޒްމަންގެ ފަޔަށް ވެސް ކުޑަ އަނިޔާއެއް ލިބިފައިވެއެވެ. ނަމަވެސް އެ އަނިޔާ އިން ގްރިޒްމަން ވެސް ރަނގަޅުވެފައިވާއިރު، މިރޭގެ މެޗުގެ ފުރަތަމަ އެގާރާގައި މި ދެ ކުޅުންތެރިން ވެސް ހިމެނޭނެ ކަމަށް ބެލެވެއެވެ.
މިރޭގެ މެޗުގައި ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން ޖަރުމަނުގެ މިޑްފީލްޑަރު ގޮރެޓްޒްކާ އަށް ނުކުޅެވޭނެއެވެ. ޖަރުމަނުގެ މެދުތެރޭގައި މިރޭ ހަރަކާތްތެރިވާނެ ކަމަށް ބެލެވެނީ ޓޯނީ ކްރޫސް އާއި އިލްކާއި ގުންޑޮގާން އެވެ.
މިރޭގެ މެޗަކީ މި ދެ ޓީމު ބޮޑު މުބާރާތެއްގައި ބައްދަލުކުރާ ހަވަނަ ފަހަރެވެ. އެގޮތުން މީގެކުރިން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން ޖަރުމަނު މޮޅުވިއިރު، އަނެއް ދެ މެޗުން ފްރާންސް މޮޅުވެ އެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.
މި ދެ ޓީމު ވަނީ 2016 ވަނަ އަހަރު ބޭއްވި ޔޫރޯގެ ސެމީފައިނަލްގައި ބައްދަލުކޮށްފައެވެ. އެގޮތުން އެ މެޗު 2-0 އިން ކާމިޔާބުކޮށްފައިވަނީ ފްރާންސް އިންނެވެ.
ޖަރުމަނާއި ފްރާންސް ބައްދަލުކުރާ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.