Last Updated: May 4, 08:52
Saturday, May 4, 2024
ޚަބަރު ބޯހިޔާވަހިކަން

ލޯނު ދެނީ މާލެއަށް ހިޖުރަކުރުމުގެ ޝައުގު ކުޑަކުރަން: އަސްލަމް

ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމަށް ރޭ ތައާރަފްކުރި "ގެދޮރުވެރިޔާ" ލޯނު ސްކީމަކީ މާލެ އަށް ހިޖުރަ ކުރުމަށް އޮންނަ ޝައުގުވެރިކަން ކުޑަކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މި ލޯނު ދޫކުރެވޭނީ އަމިއްލަ ގޯތީގައި ގެއެއް އަލަށް އިމާރާތް ކުރުމަށް، ނުނިމި ހުރި މަސައްކަތް ކުރުމަށް އަދި އިމާރާތް މަރާމާތު ކުރުމަށާއި، މިހާރު ހަދާފައި ހުރި އިމާރާތަކަށް ބައެއް އިތުކުރުމަށެވެ.

ލޯނުގެ ގޮތުގައި އެއް ފަރާތަކަށް އެންމެ ގިނަވެގެން ދޫކުރުމަށް ހަމަޖެހިފައިވަނީ 700،000 ރުފިޔާ އެވެ. ލޯނުގެ އިންސްޓްރެޓް ރޭޓަކީ ހަ ޕަސެންޓެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެއެވެ. މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭއިރު، ގްރޭސް ޕީރިއަޑްގެ ގޮތުގައި 12 މަހާއި 15 މަހުގެ މުއްދަތެއް ލިބޭނެއެވެ. ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓެއް ނުނަގާނެއެވެ.

މި ލޯނު ސްކީމް ތައާރަފް ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން އަސްލަމް ވިދާޅުވީ މި ސްކީމް ހާއްސަވެގެންދަނީ އަތޮޅުތަކުގެ ރައްޔިތުން އަތޮޅުތަކުގެ ދިރިއުޅެ އެތަންތަން އާބާދުވެ ކުރިއަރާ ގޮސް މާލެއަށް ހިޖުރަކުރުމަށް އޮންނަ ޝައުގުވެރިކަން ކުޑަކުރުމަށް ކަމަށެވެ.

އެގޮތުން މި ސްކީމްގެ ދަށުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓް ހަ ޕަސެންޓުގައި ހުރިއިރު އަސްލަމް ވަނީ އެއީ މިހާރު ދޫކުރާ ހައުސިން ލޯނުތަކުގެ އިންޓްރެސްޓަށް ވުރެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކުޑަ އަދަދެއް ކަމަށް ވިދާޅުވެފައެވެ.

އަދި މި ލޯނުގެ ކެޕްގެ ގޮތުގައި ކަނޑައަޅާފައިވާ ހަތް ލައްކަ ރުފިޔާ ހަރަދުކޮށްގެން އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ގެޔެއް އެޅޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މީހަކު އެ މީހެއްގެ ދިރިއުޅޭނެ ގެ އިމާރަތްކުރުމަށްޓަކައި އަތޮޅުތެރޭގައި ފަސް ލައްކަ ރުފިޔާއާ ހަތް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން، ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމެއް ލިބިގަނެވޭ" އަސްލަމް ވިދާޅުވިއެވެ.