Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ފާޑުކިޔުންތަކަށް ހިސާންގެ ރައްދު: "އަނދިރި ދައުލަތަށް ފުރުސަތު ދެވޭކަށް ނެތް"

މެމްބަރު ހިސާން ހުސައިން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަނދިރު ދައުލަތަށް ފުރުސަތު ދެވެން ނެތްކަމަށް ތޫޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

"ނަފުރުަތުގެ ކުށް" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށައެޅި އިސްލާހަށް ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ދައުލަތުގެ ސިފައިގައި މަސައްކަތް ކުރަނީ އިޖުރާއަތެއްގެ ތެރެއްިން މުއައްސަސާތައް މެދުވެރިކޮށް ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެ އިޖުރާއަތުގެ ތެރެއިން ކުށް ކަނޑައެޅުމާ، ކުށްވެރިކުރުމާ ކުށުގެ މައްސަލަ ބެލުމަކީ ދައުލަތުން ކުރާކަމެއްކަމަށެވެ. އަދި އެކަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުން ވެގެންދާނީ ނިޒާމު ގެއްލި ޤާނޫނު އަތްމައްޗަށް ނަގައި މުޖުތަމައުގެ އަމަން އަމާންކަން ގެއްލިގެންދާނެ ކަމެއްކަމަށެވެ.

"ދިވެހި ދައުލަތުގެ ތެރޭގައި އަނދިރި ދައުލަތެއް ހިންގުމުގެ ފުރުސަތު ދެވޭކަށް ނެތް" ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ފަހުގެ ތާރީހެއްގައި ނަފްރަތުގެ ބަސްތައް ބޭނުންކުރަމުން ދަނީ ހަތިޔާރެއްގެ ގޮތުގައި، ކުށެއްނެތް އެތައްބަޔެއްގެ ލޭހުއްދަކުރުމަށްކަމަށެވެ.

މީގެ އިތުރުން ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، މި އިސްލާހަކީ އިސްލާމް ދީނަށް ފުރައްސާރަކުރަން ހިތްވަރުދޭ ބިލެއްގެ ގޮތުގައި ސިފަކުރަނީ ގަސްދުގައި ރައްޔިތުންނަށް އޮޅުވާލަންކަމަށެވެ. އެހެންނަމަވެސް ދީނަށް ފުރައްސާރަކޮށް ހަޖޫޖެހުމަކީ 2015 ވަނަ އަހަރުން ފެށިގެން ގާނޫނުލްއުގޫބާތުގައި ޖިނާއީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

"އިސްލާމް ދީނާށް ފުރައްސާރައެއް ނުކުރެވޭނެ. އިސްލާމް ދީނަށް ކުޑައިމީސް ބަހެއްވެސް ނުބުނެވޭނެ. މި ހަގީގަތް މިވަނީ ބަޔަކު ގަސްތުގައި އޮޅުވާލަން އުޅެފަ." ހިސާން ވިދާޅުވިއެވެ.

ވާހަކަދައްކަވަމުން ހިސާން ވަނީ އުސާމާ ބިން ޒައިދުގެ ހާދިސާއަށް އިޝާރާތް ކުރައްވައި، މުސްލިމެއްގެ ހިތުގައި އޮންނަ ނިޔަތް ނޭނގޭނަމަ އެމީހަކު ކާފަރު ކުރުމަކީ ދީނާ ހިލާފުކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ ނުރަނގަޅު މަގަކުން މީހަކު ދާނަމަ ނުވަތަ މީހެއްގެ އަގީދާ ބަލިކަށިވެއްޖެކަން އެގިއްޖެނަމަ، އެކަން ފާހަގަކޮށް އެމީހަކަށް ހެޔޮ ނަސޭހަތް ދިނުން މި އިސްލާހުން މަނާނޫންކަމަށެވެ.

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގައި، އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.