Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ހިސާންގެ އިސްލާހު ސާފު، އިތުރު ދީނެއް ފަތުރާކަށް ބަޔަކު ނޫޅޭ: ޖާބިރު

މެމްބަރ އަބްދުالله ޖާބިރު--

ޤާނޫނުލްއުޤޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅާފައިވާ އިސްލާހު ސާފު ކަމަށާއި، ރާއްޖޭގައި އިތުރު ދީނެއް ފަތުރަން ބަޔަކު ނޫޅޭ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

"ނަފުރަތުގެ އަމަލު ހިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ސިޔާސީ ގޮތުން ފެއިލްވެފައިވާ މީހާ އެހެންގޮތެއް ނެތީމުން އަބަދުވެސް އިސްލާމްދީނޭ ކިޔާފައި އިންތިހާބު ކާމިޔާބު ކުރުމަށް ލާދީނީ މީހުންނާ ދީނީ މީހުންނޭ ކިޔައިގެން ވާހަކަދައްކާކަމަށެވެ.

ޖާބިރު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރާނީ ހިސާބު ޖަހައިގެން މެނިފެސްޓޯގެ މައްޗަށް ކަމަށާއި، އެއީ ލާދީނީ ގޮވައިގެން ކުރަން އޮންނަކަމެއް ނޫންކަމަށެވެ. މީގެ އިތުރުން ޖާބިރު ވިދާޅުވީ ހިސާންގެ އިސްލާހު ސާފު ކަމަށާއި، ރާއްޖެއަކީ ޓޫރިޒަމުން ދިރިއުޅޭ ބަޔަކަށްވާއިރު، ގައުމުގައި އިތުރު ދީނެއް ފަތުރަން ބަޔަކު ނޫޅޭކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވަކި ބަޔަކު އިސްލާމް ދީނުގެ މިލްކުވެރިކަން ނަގައިގެން އުޅޭ ކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް އެމްޑީޕީއަށް ނިސްބަތްކޮށް ބޭނުންކުރި އެއްޗަކީ ލާދީނީ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި، އެމީހުން ދީން ބޭނުންކުރަނީ ހަތިޔާރަކަށް ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން ތަރުތީބު ކުރާނީ ރައްޔިތުން ކަމަށާއި، މިއަދު ފެންނަނީ ރާއްޖެ ހަމަމަގަށް އެޅެންޖެހިފައިވާ މަންޒަރުކަމަށް ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޖާބިރު ވިދާޅުވީ އެމްޑީޕީގައި މިހާރު ޖެހިފައިވާ މައްސަލަ އެތެރެއިން ހައްލުވާންޖެހޭ ކަމަށާއި، އެމްޑީޕީ ފުނޑިގެން ނުވާނެ ކަމަށެވެ. އަދި އެމްޑީޕީ ތެރެއިން މިސަރުކާރު ވައްޓާލަން ރޭވިގެންނުވާނެ ކަމަށާއި އަދުއްވުން ތިބީ ތައްޔާރަށް ކަމަށް ޖާބިރު ވިދާޅުވިއެެވެ.