Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ހިސާންގެ އިސްލާހަށް ސަނީފް ދެކޮޅު

މެމްބަރު އަބްދުﷲ ސަނީފް--

ޤާނޫނުލްއުޤޫބާތަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅާފައިވާ އިސްލާހަށް ތާއީދު ނުކުރާކަމަށް އެމްޑީޕީއަށް ނިސްބަތްވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ނަފުރަތުގެ އަމަލު ހިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ސަނީފް ވިދާޅުވީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމަކީ ޑިމޮކްރަސީއާ ބީރައްޓެހިކަމެއް ކަމަށާއި އެހެންނަމަވެސް މީހުންގެ ލޭ ހުއްދަ ކުރުމަކީ ޒަމާނީ މުޖުތަމައުގައި އަދި ދީނުގައިވެސް ބަލައިގަންނާނެ ކަމެއްނޫން ކަމަށެވެ.

ސަނީފް ވިދާޅުވީ މި އިސްލާހު މިހާރު އޮތްގޮތުން ކުރިއަށް އޮތް މުސްތަގުބަލުގައި ސިޔާސީ ބޭނުމަށް ގިނަ ބަޔަކު ޖަލަށް ލެވޭނެކަމަށް ބެލެވޭ ކަމަށެވެ.

ސަނީފް ވަނީ އިސްލާހުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އަދި (ii) އުވާލުމަށް ގޮވާލާފައެެވެ. އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.

މީގެ އިތުރުން ސަނީފް ވިދާޅުވީ އެމްޑީޕީއާ ދެކޮޅަށް އަބަދުވެސް ލާދީނީ ގޮވާކަމަށާއި، އެކަން ބަލައިނުގަންނާނެކަމަށެވެ. އަދި އެމްޑީޕީއަކީ ދީނާ ދެކޮޅު ޕާޓީއެއް ނޫންކަމަށްވެސް ސަނީފް ވިދާޅުވިއެެވެ. އަދި އެމްޑީޕީގެ ދީނީ ކޮމިޓީއަށް މެމްބަރަކު އައްޔަނު ނުކޮށް އޮވެ 5 އަހަރު ވެފައިވާކަމަށާއި، އެ ކޮމިޓީއަށް ބޭފުޅުން އައްޔަނު ކުރުމަށް އެމްޑީޕީގެ ޗެއާޕާސަނަށް ގޮވާލާކަމަށެވެ. އަދި މި އިސްލާހު އަނބުރާ ގެންދިއުމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލާކަމަށްވެސް ސަނީފް ވިދާޅުވިއެވެ.