ގަން، ދޫގަސް ކަރަންޓީން ފެސިލިޓީއަކަށް ތައްޔާރަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެފިއެވެ.
ދޫގަސް ކަރަންޓީން ފެސިލީޓީއަކަށް ބަދަލުކުރުމަށް ނިންމާފައިވަނީ، ހިތަދޫއިން ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ހާލަތު ގޯސްވާތީ އެތަނަށް ބިދޭސީން ބަދަލު ކުރުމަށް ކަމަށް މައުލޫމާތުލިބެއެއެވެ.
އައްޑޫސިޓީ ކައުންސިލުން ބުނެފައިވަނީ ދޫގަސް، ކަރަންޓީން ފެސިލިޓީއަކަށް ތައްޔާރަކުރުމުގެ މަސައްކަތް ކައުންސިލުން ފައްޓާފައިވަނީ އައްޑޫ ސިޓީގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތި، ރައްކާތެރިކަމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކައުންސިލުން ނިންމި ފިޔަވަޅެއްގެ ގޮތުގައެެވެ.
އައްޑޫއިން އިއްޔަވެސް ކޮވިޑް-19 އަށް 20 މީހުން ޕޮޒިޓިވް ވެފައިވާއިރު، 20 ކޭސް ވެސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 12 ދިވެހިންނާއި، 8 ބިދޭސީންނެވެ.
މި 20 ކޭސްގެ ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލް އިން ޕޮޒިޓިވްވި 9 މީހަކާއި، ފްލޫ ކްލިނިކަށް ދެއްކި ދެ މީހެއްގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 9 މީހެކެވެ.
އައްޑޫގައި ކޮވިޑްގެ ހާލަތު އޮތް ގޮތަށް ބަލާއިރު ހިތަދޫގައި މިވަގުތު ކޮވިޑްގެ 63 އެކްޓިވް ކޭސް އުޅޭއިރު، ފޭދޫގައި އެއް ކޭސް، ހުޅުދޫގައި ހަ ކޭސް، މަރަދޫގައި ދެ ކޭސް އަދި މަރަދޫފޭދޫގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫގައި ކޮވިޑްގެ 73 އެކްޓިވް ކޭސް މިހާރު އެބަ އުޅެއެވެ