ޤާނޫނުލްއުޤބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ވަރަސް ޔަހޫދީ ވިސްނުމުގައި ހުށަހަޅާފައިވާ އިސްލާހެއްކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
"ނަފުރަތުގެ އަމަލު ހިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މި އިސްލާހަށް ތާއީދު ނުކުރާކަމަށެވެ.
"މިއީ ވަރަށް ޔަހޫދީ ވިސްނުމެއްގައި ގެނެވޭ އިސްލާހުތަކެއްކަން އަޅުގަނޑު ފާހަގަކުރަން" ސައީދު ވިދާޅުވިއެެވެ.
ސައީދު ވިދާޅުވީ މި އިސްލާހަކީ ލާދީނީ ކަންކަމަށް މަގުފަހިވާނެ އިސްލާހެއް ކަމަށެވެ. ސައީދު ވިދާޅުވީ އިސްލާހު އޮތީ ވަރަށް އާދައިގެ ގޮތަކަށް ކަމަށާއި، ތުހުމަތު ކޮށްފައިވެސް ވާހަކަ ނުދެއްކޭ ގޮތަށް އިސްލާހުގައި ވާކަމަށެވެ. އަދި މީހެއްގެ ހުންނަ ސިޔާސީ ފިކުރެއްގެ ތެރެއިން އެމީހާ ދައްކާ ވާހަކައަކަށް ދީނީ އިލްމުވެރިއެއްގެ ނަޒަރިއްޔާތުން އެއްޗެއް ބުނެވޭނެ ފުރުސަތުވެސް ނުލިބޭގޮތަށް ތަޅުއަޅުވާގޮތަށް މި އިސްލާހު ފާހަގަކުރެވޭކަމަށް ސައިދު ވިދާޅުވިއެވެ
ހިސާންގެ އިސްލާހަށް، ސައީދު ހިމެނޭގޮތަށް އިދިކޮޅުގެ މެމްބަރުން ފާޑުކިޔަމުން އަންނައިރު އެ މެމްބަރުން އަންނަނީ މި ބަހުސް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމަށްވެސް ގޮވާލާފައެވެ.
"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގައި، އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.
ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.