Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ނަފްރަތު ހުއްޓުވުމުގެ އިސްލާހު މަޖިލީހަށް ބަލައިގެންފި

ހިސާން ހުސެއިން - ފޮޓޯ: މަޖިލިސް

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ޤާނޫނުލްއުޤޫބާތަށް ގެނެސްފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.

މި އިސްލާހު މަޖިލީހުން ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 38 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހު ބަލައިގަތުމާ ދެކޮޅަށް 17 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. މި އިސްލާހު ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އިސްލާހުގައި، އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.

މި ބިލުގެ އިސްލާހަށް ވާހަކަ ދެއްކި މެމްބަރުންގެ ތެރެއިން އެމްޑީޕީގެ އެއް މެމްބަރެއް ފިޔަވާ އެހެން މެމްބަރުން ވަނީ ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ. ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރަކީ ތިނަދު ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ސަނީފެވެ. އަދި އިދިކޮޅު މެމްބަރުން ވަނީ މި ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ.