Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ކުރުކޮށްފި

މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ކުރުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ކާފިއު ވަގުތު 4 އިން 4 އަށް ބަދަލު ކޮށްފައިވާ ކަމަށާއި އަދި ފަތިހު 4:00 އިން ހެނދުނު 8:00 އަށް އެކަނި ކަސްރަތު ކުރަން ހުއްދައަކާ ނުލާ ނިކުމެވޭނެ ކަމަށެވެ.

ނަމަވެސް ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ބޭރަށް ނިކުމެވޭނީ މިހާރެކޭ އެއްގޮތަށް ހުއްދަތައް ލިބިފައިވާ މީހުންނަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން މާލޭގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މަނާވިޔަސް، ހުރިހާ މިސްކިތެއްގައިވެސް ވަކިވަކިން ނަމާދުކުރެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓްތަކުން އަދިވެސް އަމަލުކުރަންޖެހޭނީ އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުންކަމަށެވެ. އެގޮތުން ހެނދުނު 8:00 އިން ހަވީރު 4:00 އަށް ފިހާރަތަކާއި ކެފޭތަކަށް ގޮސް ވިޔަފާރިއާއި ޓޭކް އަވޭގެ ޚިދުމަތް ހޯދިޔަސް، ހަވީރު 4:00 އިން ފެށިގެން އެތަންތަނުން ހަމައެކަނި ފޯރުކޮށްދެވޭނީ ޑެލިވަރީގެ ޚިދުމަތެވެ.

އަދި ޖިމްތަކާއި ސެލޫން ވިޔަފާރިތަކަށް ވަރަށް އަވަަހަށް ގައިޑްލައިނެއް ތައްޔާރުކުރައްވާނެކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާއެކު ކޮވިޑް ކޭސްތައް ފެންނަ ނިސްބަތް މިހާރު ވަނީ ވަރަށް ބޮޑަށް ދަށް ކުރެވިފައެވެ. އެގޮތުން ފާއިތުވި ދެ ދުވަހު ވެސް ކޭސްތައް ހުރީ 300 އިން ދަށުގައެވެ.