Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ރޮނާލްޑޯ އަށް ރެކޯޑެއް، ޕޯޗުގަލް އަށް ރަނގަޅު ފެށުމެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީގެ މައްޗަށް 3-0 އިން ޕޯޗުގަލް އިން ކުރި ހޯދައިރު، އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އިތުރު ރެކޯޑެއް ގާއިމުކޮށްފިއެވެ.

މިރޭގެ މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާއެކު އޭނާ މިހާރު ވެގެން ގޮސްފައިވަނީ ޔޫރޯގެ ތާރީހުގައި ވެސް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާ އަށެވެ. އެގޮތުން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޮނާލްޑޯ މިހާރު ވަނީ ޖުމްލަ 11 ގޯލު ކާމިޔާބުކޮށްފައެވެ.

ހަންގޭރީގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ރަނގަޅު ގިނަ ފުރުސަތުތަކެއް ޕޯޗުގަލް އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ޖޯޓާ ފޮނުވާލި ދެ ހަމަލާއެއް ހަންގޭރީގެ ކީޕަރު ދިފާއުކުރިއިރު، ރޮނާލްޑޯ ހުހަށް ހުރެ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

މެޗުގެ ދެވަނަ ހާފްގައި ވެސް ޕޯޗުގަލް އިން ހަންގޭރީގެ ގޯލަށް ނުރައްކާ ކުރަން ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހަންގޭރީގެ ޕެނަލްޓީއޭރިއާގެ ބޭރުން ބްރޫނޯ ފަނާންޑޭސް ފޮނުވާލި ހަމަލާއަކާއި ޕެޕޭ ބޮލުން ފޮނުވާލި ހަމަލާއެއް ހަންގޭރީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ނަމަވެސް މެޗުގެ 84 ވަނަ މިނެޓްގައި ރަފޭލް ގުރޭރޯ ވަނީ ޕޯޗުގަލް އަށް ލީޑު ނަގާދީފައެވެ. އެގޮތުން މި ގޯލު ވަދެފައިވަނީ ހަންގޭރީގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައެވެ. މި ގޯލު ކާމިޔާބުކުރިތާ ތިން މިނެޓްފަހުން ޕޯޗުގަލް އަށް ލިބުނު ޕެނަލްޓީ އަކުން ރޮނާލްޑޯ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ރޮނާލްޑޯ ވަނީ ހަންގޭރީގެ ކީޕަރު ކައިރިން ވެސް ނައްޓާލުމަށްފަހު ޕޯޗުގަލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

މުބާރާތުގައި ޕޯޗުގަލް ދެން ބައްދަލުކުރާނީ ޖަރުމަނާއެވެ. ހަންގޭރީ ނިކުންނާނީ ފްރާންސް އާއި ދެކޮޅަށެވެ.