ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނުގެ މައްޗަށް 1-0 އިން ކުރި ހޯދައި ފްރާންސް އިން މޮޅަކުން މުބާރާތް ފަށައިފިއެވެ.
މި މެޗާއެކު ގްރޫޕް އެފްގައި ހިމެނޭ ކޮންމެ ޓީމަކުން ވެސް މިހާރު ވަނީ އެއް މެޗު ކުޅެ ނިމިފައެވެ. އެގޮތުން ގްރޫޕްގެ އެއްވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ޕޯޗުގަލް އެވެ. ފްރާންސް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، ޕޯޗުގަލް އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޖަރުމަނާއި ހަންގޭރީ އަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ޖަރުމަނުގައި މިރޭ ކުޅުނު މި މެޗުގެ ކުރީކޮޅު ފްރާންސް އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ޖަރުމަނުގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން ޕޯލް ޕޮގްބާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި މަތިން ބޭރަށް ދިޔައިރު، ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ ދިފާއުކުރީ ޖަރުމަނު ކީޕަރު މެނުއަލް ނޯޔާއެވެ.
މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 20 ވަނަ މިނެޓްގައި ފްރާންސް އިން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މި ގޯލަކީ ޖަރުމަނުގެ ޑިފެންޑަރު މެޓްސް ހުމެލްސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ހުމެލްސް އަތުން މި ގޯލު ބައިކޮޅަށް ވަދެފައިވަނީ ލޫކަސް ހަނާންޑޭޭޒް ހުރަސްކޮށްލި ބޯޅައެއް ސާފުކޮށްލަން އުޅުމުގެ ތެރޭގައެވެ.
ޖަރުމަނުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މި ހާފުގައި ކުޅުނު ނަމަވެސް އެޓީމަށް ފްރާންސްގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައެއް ނުވެއެވެ.
ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޖަރުމަނަށް ވަނީ ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އެޓީމުގެ ފޯވާޑް ސާޖް ގްނެބްރީ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް މަތިން ބޭރަށެވެ. އަދި އޭގެ އިރުކޮޅެއްފަހުން ފްރާންސްގެ ރަބިއޯ އަށް ވަނީ އެޓީމުގެ ލީޑު ފުޅާކޮށްލަން ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ޖަރުމަނުގެ ގޯލުގެ ދަނޑި އަށެވެ.
ޖަރުމަނަށް ފްރާންސްގެ ޑިފެންސްލައިން ފޫއަޅުވާލުމުގައި އުނދަގޫތަކެއް މި މެޗުގައި ކުރިމަތިވިއިރު، ފްރާންސް އިން ދިޔައީ ކައުންޓަ އެޓޭކުތަކުގައި ޖަރުމަނުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން ކައުންޓަ އެޓޭކުތަކުގައި ފްރާންސް އިން ދެ ގޯލު ކާމިޔާބުކުރި ނަމަވެސް ވީއޭއާރް ބެލުމަށްފަހު ރެފްރީ ވަނީ އެ ދެ ގޯލު ވެސް އޮފްސައިޑް ކަމަށް ނިންމާފައެވެ.
މިއީ ބޮޑު މުބާރާތެއްގައި މި ދެ ޓީމު ބައްދަލުކުރި ހަވަނަ މެޗު ކަމަށްވާއިރު، މިއީ ފްރާންސް އިން ޖަރުމަނުގެ މައްޗަށް ކުރި ހޯދި ހަވަނަ މެޗެވެ. އަދި މިއީ ޔޫރޯގެ ތާރީހުގައި ވެސް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ޖަރުމަނު ބަލިވި ފުރަތަމަ ފަހަރުވެސް މެއެވެ.
މުބާރާތުގައ ޖަރުމަނު ދެން ބައްދަލުކުރާނީ ޕޯޗުލަގްއާއެވެ. ފްރާންސް ނިކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ.