Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޕޮގްބާ ބިޔަރު ފުޅި ދުރަށްލުމުން ގިނަ ބައެއްގެ ސަމާލުކަން!

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފްރާންސް ކުޅުނު މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ މޭޒުމަތީގައި ހުރި ބިޔަރު ފުޅި ދުރަށްލުމުން ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސް އިން ރޭ ވަނީ 1-0 އިން ޖަރުމަނު ބަލިކޮށްފައެވެ. ރޭގެ މެޗުގައި ޕޮގްބާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ.

ރޭގެ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ފެށުމުގެ ކުރިން މޭޒުމަތީގައި ވަނީ ކޮކާކޯލާ ފުޅިތަކަކާއި ހެނިކަން ބްރޭންޑުގެ ބިޔަރު ފުޅިއެއްގެ އިތުރުން ފެން ފުޅިއެއް އަތުރާލާފައެވެ. އެގޮތުން ޕޮގްބާ ވަނީ އެތަނުން ބިޔަރު ނަގައި މޭޒުމަތިން ދުރަށްލާފައެވެ.

ޕޮގްބާ މިގޮތަށް މިކަންކޮށްފައިވާއިރު މުބާރާތުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ މޭޒުމަތީގައި ހުރި ދެ ކޮކާކޯލާ ފުޅި ނަގާ ދުރަށްލާފައެވެ. އެއަށްފަހު ރޮނާލްޑޯ ވަނީ އެންމެން ވެސް ފެން ބުއިމަށް ބާރު އަޅާފައެވެ.

ދުނިޔޭގެ ނަން މަޝްހޫރު ދެ ކުޅުންތެރިން މިގޮތަށް އަމަލުކޮށްފައިވާއިރު، ކޮކާކޯލާ އަދި ހެނިކެން އަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މައި ދެ ސްޕޮންސަރުކަން ފާހަގަކޮށްލެވެއެވެ.