ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަބަބުން ކޮކާކޯލާ ކުންފުންޏަށް ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެއްޖެއެވެ.
މިފަދަ ގެއްލުމެއް އެ ކުންފުންޏަށް ވެފައިވަނީ މުބާރާތުގައި ޕޯޗުގަލް އިން ކުޅުނު ފުރަތަމަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯ މޭޒުމަތީގައި ހުރި ދެ ކޮކާކޯލާ ފުޅި ނަގާ ދުރަށްލުމާ ގުޅިގެން އެކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުމާއި ގުޅިގެންނެވެ. ރޮނާލްޑޯ ވަނީ އެ ދެ ފުޅި ދުރަށްލުމަށްފަހު އެންމެން ވެސް ފެން ބުއިމަށް ބާރު އަޅާފައެވެ.
"ދި އެތްލެޓިކް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ހޯމަ ދުވަހު ޔޫރަޕްގެ މާކެޓުތައް ހުޅުވުނުއިރު އެ ކުންފުނީގެ ހިއްސާއެއްގެ އަގު ހުރީ 56.1 ޑޮލަރުގައެވެ. ނަމަވެސް ރޮނާލްޑޯގެ ނޫސްވެރިންގެ ބައްދަލުވުން ނިމުނުއިރު އެ އަދަދު ވަނީ 55.2 ޑޮލަރަށް ވެއްޓިފައިވާ ކަމަށް އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
މިއީ 1.6 ޕަސެންޓްގެ ދަށްވުމެއް ކަމަށްވާއިރު، މާކެޓް ވެލިއު އިން ބަލާއިރު މިއީ ކޮޮކާކޯލާ ކުންފުންޏަށް ލިބުނު ހަތަރު ބިލިއަން ޑޮލަރުގެ ގެއްލުމެކެވެ.
ރޮނާލްޑޯ ކަންތައް ކުރި ގޮތުން ކޮކާކޯލާ ކުންފުނިން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެގޮތުން އެ ބަޔާނުގައި ވަނީ ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުންވާ ބުއިމެއް ބުއިމުގެ ހައްގު ލިބިގެންވާ ކަމަށާއި އެކި މީހުންގެ ހުންނާތީ ތަފާތު ރަހަތައް ކަމަށް ބުނެފައެވެ.
ކޮކާކޯލާ ކުންފުންޏަކީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މައި ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.