ރާއްޖެއިން ކޮވިޑް-19 ގައި އިތުރު މީހަކު މަރުވެއްޖެއެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ ރޭފަތިހު 05:00 ހާއިރު ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މަރުވެފައިވާކަމަށެވެ.
މަރުވެފައިވަނީ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާ އެކު ރާއްޖެއިން ކޮވިޑް-19 ގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 200 އަށް އަރާފައެެވެ. އަދި މިއީ ތިނަދޫއިން މި ބަލީގައި މަރުވި ދެވަނަ މީހާއެވެ.
މީގެ އިތުރުން، ރޭ 09:23 ގައި ލ. ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ވެސް މަރުވެފައިވާކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. މަރުވެފައި ވަނީ 59 އަހަރުގެ ދިވެހި އަންހެނެކެވެ.
ރާއްޖެއިން މިހާތަނަށް ޖުމުލަ 70،897 މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 8،155 އެއްގައި ހުރިއިރު 62،533 މީހުން މި ބަލިން ރަނގަޅުވެފައިވެއެވެ.