Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ނަފްރަތުގެ އަމަލުގެ ކުށް- އަވަސް އަރުވާލައިގެން ރަނގަޅު ނަތީޖާ ނުނިކުންނާނެ: މުހުތާޒް

މުހުތާޒް މުހުސިން--ފޮޓޯ: ސަން

އަވަސް އަރުވާލައިގެން ޤާނޫނުލްއުޤޫބާތަށް ގެންނަން އުޅޭ އިސްލާހުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެކަމަށް ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުުހުސިން ވިދާޅުވެއްޖެއެވެ.

"ނަފްރަތުގެ އަމަލު ހިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހާ ގުޅޭގޮތުން ކުރެއްވި ޓްވީޓްމުހުތާޒް ވިދާޅުވީ، ދީނަށް ފުރައްސާރަކުރާނަމަ ދިވެހިން އެވާހަކަ ދައްކާނެކަމަށެވެ. އަދި އަވަސް އަރުވާލައިގެން ނަފްރަތުގެ ބިލައިގެން އުޅެގެން ރަނގަޅު ނަތީޖާއެއް ހާސިލު ނުވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މުހުތާޒް ވިދާޅުވީ، ފުރަތަމަ މަސައްކަތް ކުރަންވީ ހަގީގަތް ގަބޫލުކޮށް ގައުމުގެ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމަށް ކަމަށެވެ. އަދި ސިޔާސީ ނަފްރަތަކީވެސް ނުރައްކަލެއްކަމަށް މުހުތާޒް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އިސްލާހުގައި، އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.