"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަށް އިސްލާމިކް މިނިސްޓްރީގެ ލަފާ ހޯދުމަށް ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހު ޖުޑިޝަރީ ކޮމިޓީން ދިރާސާ ކުރަމުން އަންނައިރު އެ ކޮމިޓީން ވަނީ އިސްލާމިކް މިނިސްޓްރީ، ޕްރޮސިކިއުޓަރ ޖެނެރަލް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ލަފާ ހޯއްދެވުމަށް ނިންމާފައެވެ.
ޖުޑިޝަރީ ކޮމިޓީން ނިންމާފައިވަނީ މި ބިލަކީ އެންމެ އަވަހަށް ނިންމަންޖެހޭ ބިލެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.
ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އިސްލާހުގައި، އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.
ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.