Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމަށް ކުފޫ ހަމަވާ ޕާޓީއެއް ނޫން: ޝިޔާމް

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ މޯލްޑިވިއަން ޑިމޮކްރަޓީކް ޕާޓީ (އެމްޑީޕީ) އަކީ ލާމަރުކަޒީ ނިޒާމަށް ކުފޫ ހަމަވާ ޕާޓީއެއް ނޫންކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ސެކްރަޓަރީ ޖެނެރަލުން އައްޔަނު ކުރުމުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭގޮތަށް ލާމަރުކަޒީ ޤާނޫނަށް އެމްޑީޕީއަށް ނިސްބަތްވާ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި އިސްލާހަކީ އެއްވެސް ވަރަކަށް ތާއީދު ކުރެވޭ އިސްލާހެއް ނޫންކަމަށާއި މި އިސްލާހަީ ލާމަރުކަޒީ ނިޒާމަށް ހުތުރު އިސްލާހެއްކަމަށެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒޟާުގެ ޗެމްޕިއަނުން ކަމަށް އަމިއްލައަށް ބުނި ނަމަވެސް އެމްޑީޕިއަކީ ލާމަރުކަޒީ ނިޒާމަށް ކުފޫ ހަމަވާ ޕާޓީއެއް ނޫންކަމަށާއި، އެކަން ދިވެހި ރައްޔިތުން ދަންނަކަމަށެވެ. އެކަން އެންމެ ބޮޑަށް އިނގެނީ އެންމެފަހުްނ ބޭއްވި ކައުންސިލް އިންތިހާބުގައި ރައްޔިތުން ޕީޕީއެމަށް މެޖޯރިޓީ ދިނުމުންކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މިއީ ސަރުކާރުން ހުށަހަޅައިގެން އުޅޭ އިސްލާހެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝީޔާމްގެ އިތުރުން އިދިކޮޅުގެ އިތުރު ބައެއް މެމްބަރުންވެސް ވަނީ މިއީ ސަރުކާރުން ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ބުނެ ވާހަކަދައްކާފައެވެ.

އެހެންނަމަވެސް ސަރުކާރުން ވަނީ ކައުންސިލްތަކަށް ސެކްރަޓަރީ ޖެނެރަލް އައްޔަނު ކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަކީ ސަރުކާރުގެ ވިސްނުންކަން ހާމަކޮށްފައެވެ. 

މި އިސްލާހާ ގުޅޭގޮތުން އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އިސްލާހަށް ތާއީދު ނުކުރެވޭނެކަން ހާމަކޮށްފައެވެ. އެހެންނަމަވެސް ބައެއް މަދު އެމްޑީޕީގެ މެމްބަރުން މި އިސްލާހަށް ތާއީދު ކޮށްފައިވެއެވެ.