ކައުންސިލްގެ ލަފަޔާ ނުލާ ސެކްރަޓަރީ ޖެނެރަލުން އައްޔަނު ކުރެވޭ ގޮތަށް ސިވިލް ސާވިސް ކޮމިޝަންގެ ޤާނޫނަށް އަދި ލާމަރުކަޒީ ގާނޫނަށް އެމްޑީޕީއަށް ނިސްބަތްވާ ގެމަނަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސައީދު ހުށަހަޅާފައިވާ އިސްލާހަށް އެމްޑީޕީގެ ގިނަ މެމްބަރުން ތާއީދު ނުކުރާކަން ހާމަކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނި މި ދެ އިސްލާހަށް ބަހުސް ކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ބައެއް މަދު މެމްބަރަކު މި އިސްލާހުތަކަށް ތާއީދު ކުރިނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އިސްލާހަށް ތާއީދު ނުކުރާކަން ހާމަކޮށްފައެވެ.
އެގޮތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ކައުންސިލްތަކުގައި ތިއްބަވާނީ ރައްޔިތުން އިންތިހާބު ކޮށްފައިވާ މެމްބަރުން ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. އަދި މިހާރު ހުށަހަޅާފައިވާ އިސްލާހު އޮތްގޮތުން އެ ގެނެވެނީ ސިވިލް ސާވިސް ގާނޫނަށްވެސް އަދި ލާމަރުކަޒީ ގާނޫނަށްވެސް އިތުރު ފުރިހަމަ ކަމެއް ނޫންކަމަސް ޝަފީގު ވިދާޅުވިއެވެ.
މީގެ އިތުރުން ބިލަތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ މި ހުށަހަޅާފައިވާ އިސްލާހަކީ ވަރަށް ހުތުރު ބަދަލެއް ކަމަށެވެ. އަދި މިގޮތަށް އިސްލާޙު ގެނައުމަށް މެމްބަރަކު ހުށަހަޅާ ބައެއް މެމްބަރުން ތާއީދު ކުރަނީ ކައުންސިލްތައް ނުލިބުމުން ކަމަށް ވިދާޅުވިއެވެ.
މީގެ ކުރިން ކަތީބުންގެ ގޮތުގައި ތިބި ފަރާތްތައް ޒިންމާދާރު ވެރިޔާގެ މަގާމަށް ބަދަލުވިކަން ފާހަގަކޮށް ހަލީމް ވިދާޅުވީ މިހާރު ޤާނޫނު އޮތްގޮތަށް ކައުންސިލްގެ ލަފަޔާއެކު ސެކްރަޓަރީ ޖެނެރަލް އައްޔަނު ކުރާގޮތަށް ހަދަން ޖެހުނީ ކައުންސިލްތަކަށް ޒިންމާދާރު ވެރިންގެ އެއްބާރުލުން ނުލިބުމުން ކަމަށެވެ.
މިބިލަށް ވާހަކަ ދައްކަވަމުން އުގޫފާރު ދާއިރާގެ މެމްބަރު މުހައްމޑު ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން އެދޭ ގޮތަށް އިންތިހާބުގެ ނަތީޖާ ނައުމުން، ބާރު އަތުލަން އުޅުންމުން ތެދުވެރިކަމާއި އިހުލާސްތެރިކަމާ ދޭތެރޭގައި ރައްޔިތުން ސުވާލު އުފައްދާނެކަމަށެވެ. އަދި ކައުންސިލްގެ ލަފައާ އެކު އެސްޖީން އައްޔަނުކުރާ ގޮތަށް ހެދީ ކައުންސިލްތަކާއި ސިވިލް ސާވިސް މުވައްޒަފުންގެ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ކަންތައްތައް ލަސްވުމާއި ހުރަސް އެޅެން މެދުވެރިވުމުގެ ސަބަބުން ކަމަށްވެސް ވައްޑެ ވިދާޅުވިއެވެ.
މި އިސްލާހު ހުށަހެޅުމާއެކު ސަރުކާރުންވަނީ، ކައުންސިލްތަކަށް ސެކްރަޓަރީ ޖެނެރަލް އައްޔަނު ކުރުމުގައި ކައުންސިލްގެ ލަފާ ހޯދުމަކީ ސަރުކާރުގެ ވިސްނުން ކަން ވެސް ހާމަކޮށްފައެވެ.