Last Updated: April 25, 17:15
Thursday, April 25, 2024
ޚަބަރު

އުމުރަށް ޖަލަށް ލާފައި ހުރި މީހެއްގެ ހުކުމް ބާތިލުކޮށްފި

ދިވެހިރާއްޖޭގަެ ހައިކޯޓު --

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެއްގެ ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ހައިކޯޓުން ހ. ބްރެޑްލީ، ހުޒެއިމަތު ނައީމްގެ އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލުކޮށްފައިވަނީ އޭނާގެ އަތުން ފެނުނު ފެނުނު މަސްތުވާތަކެތީގެ އަދަދާމެދު ސުވާލު އުފެދިގެންނެވެ.

ހުޒެއިމަތު ނައީމްގެ އަތުން މަސްތުވާތަކެތި ފެނުނީ ކެނެރީ މަގުގައި މާރާމާރީއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ދިޔަ އިރު އޭނާ އެތަނުގައި މަސްތުގެ ހާލަތުގައި ހުރުމުން ފުލުހުން ބަލާފާސްކުރިއިރު އޭނާ ލައިގެން ހުރި އަންނައުނުންނެވެ. އެގޮތުން ފެނުނު ފިލްމު ހުސްކުރި ދަޅުގައި 17.3 ގްރާމުގެ ކެނަބިސް ފެނިފައިވެ އެވެ.

އެ މައްސަލައިގައި އޭނާގެ މައްޗަސް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލިއިރު، އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށް އަދި އޭނާ މަސްތުވާތަކެތި ބޭނުންކުރާކަމަށް އިއުތިރާފްވެފައެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ ހުޒައިމަތް ނައީމްގެ މައްޗަށް އުމުރު ދުވަހުގެ ޖަލުހުމެއް (25 އަހަރު) އިއްވާ 100،000 ރުފިޔާއިން ޖުރިމަނާ ކޮށްފައެވެ.

މި ހުކުމާމެދު ހިތްހަމަނުޖެހިގެން ހުޒައިމަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ވަނީ ހުޒެއިމަތުގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ފުލުހުން ބެލި ގޮތާ މެދު ސުވާލުއުފައްދާފައެވެ. އެގޮތުން 17.3 ގްރާމު ހަމަ ވަނީ އިމްޕިއުރިޓީސްއާ ނުލައި ކަމަށް ކްރިމިނަލް ކޯޓުގައި ފުލުހުން ބުނެފައިވާއިރު އެ އަދަދު ހަމަވަނީ ކޮން ގޮތަކުން ކަމާ މެދު ސުވާލު އުފެއްދި އެވެ.

ހުޒެއިމަތުގެ ފަރާތުން ހައި ކޯޓުގައި ބުނެފައިވަނީ ފުލުހުން މަސްތުވާތަކެތީގެ ބަރުދަން ބަލާފައި ވަނީ ފިލްމު ހުސްކުރި ދަޅު ވެސް ހިމަނައިގެން ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. ދައުލަތުން އެކަން ދޮގުކޮށް ބުނެފައިވަނީ ތަކެތީގެ ބަރުދަން ބެލީ ދަޅު ނުލައި ކަމަށެވެ. އަދި އޭގައި ހުރި މަސްތުވާތަކެތީގެ ބަރުދަނަށް ވާނީ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލް ހިމެނޭހެން ޖުމްލަ 12.4 ގްރާމު ކަމަށް ހުޒެއިމަތުގެ ފަރާތުން ބުނެފައިވެ އެވެ.

މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އެއްވެސް ތަނެއްގައި ބަރުދަން ބެލީ ދަޅު ހިމަނައިގެން ނުވަތަ ނޫން ކަމެއް ބަޔާންކޮށްފައި ނުވާ ކަމަށާއި ބަރުދަނަކީ 17.3 ގްރާމު ކަމަށް އެ ރިޕޯޓުގައި ބަޔާން ކުރިޔަސް، އޭގައި ހުރި ކަމަށް ބުނާ ޓެޓްރާހައިޑްރޯކެނަބިނޯލް އާއި ކެނަބިނޯލްގެ ބަރުދަން އެއްކޮށްލުމުން ހަމަވަނީ 12.4 ގްރާމުކަން ހައިކޯޓުން ބުނެފައިވެއެވެ. އަދި 17 ގްރާމު އަންނަނީ އިމްޕިއުރިޓީސް ނުހިމަނާ ކަމަށް ވެސް ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ އިރު ޖުމްލަ މަސްތުވާތަކެތީގެ އަދަދު 17.3 ގްރާމަށް އަރާ ގޮތް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައި ނުވާ ކަމަށް ހައިކޯޓުން ބުނެފައިވެއެވެ.

އެހެންކަމުން ހުޒައިމަތުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ.