Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ފިންލޭންޑް އަތުން ރަޝިއާ އަށް މުހިއްމު މޮޅެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފިންލޭންޑުގެ މައްޗަށް 1-0 އިން ރަޝިއާ އިން ކުރި ހޯދައިފިއެވެ.

މިއީ ގްރޫޕް ބީ ގައި ހިމެނޭ މި ދެ ޓީމު މުބާރާތުގައި ކުޅުނު ދެވަނަ މެޗު ކަމަށްވާއިރު، މި ގްރޫޕްގައި ހިމެނޭ ބެލްޖިއަމް އާއި ފިންލޭންޑް އަދި ރަޝިއާ އަށް ވެސް ވަނީ ތިން ޕޮއިންޓު ލިބިފައެވެ. ޕޮއިންޓެއް ނުލިބި މި ގްރޫޕްގައި އޮތީ ޑެންމާކް އެވެ. މުބާރާތުގައި މާދަމާ ރޭ ބެލްޖިއަމް އާއި ޑެންމާކް ބައްދަލުކުރާނެއެވެ.

މިއީ 2012 ވަނަ އަހަރަށްފަހު ރަޝިއާ އިން ޔޫރޯގައި ހޯދި ފުރަތަމަ މޮޅުކަން ފާހަގަކޮށްލެވެއެވެ.

ރަޝިއާގައި މިރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ރަޝިއާގެ އޮޒްޑޯވް އަށް ވަނީ މެޗުގެ ލީޑު އެޓީމަށް ނަގައިދޭން ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ފިންލޭންޑުގެ ޕެނަލްޓީއޭރިއާ ތެރޭ ފުދޭވަރަކަށް ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ.

އަދި މެޗުގެ 21 ވަނަ މިނެޓްގައި ފިންލޭންޑުގެ ފޯވާޑް ޕޮޖަންޕަލޯ އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ރަޝިއާގެ ޑިފެންޑަރު ޑިވީވް ވަނީ ބްލޮކްކޮށްފައެވެ. ރަޝިއާ އިން ފިންލޭންޑުގެ ގޯލަށް ފުރަތަމަ ހާފްގައި ނުރައްކާ ކުރަމުންދިޔައިރު، މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް މިރަންޗުކް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. މިރަންޗުކް މި ގޯލު ކާމިޔާބުކުރީ ފިންލޭންޑުގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ވާތު ފައިން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގެ ދެވަނަ ހާފްގައި ރަޝިއާ އަށް ލީޑު ފުޅާކޮށްލަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނުއިރު، އެ ހަމަލާތައް ދިފާއުކުރުމުގައި ފިންލޭންޑުގެ ކީޕަރު ރަޑެކީގެ ހުޝިޔާރުކަން ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވެއެވެ. މި ހާފުގައި ފިންލޭންޑަށް ރަޝިއާގެ ކީޕަރު ޓެސްޓުކޮށްލެވޭނެ ފަދަ ހަމަލާތަކެއް ފޮނުވާލެވިފައެއް ނުވެއެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރަޝިއާ ބައްދަލުކުރާނީ ޑެންމާކްއާއެވެ. ފިންލޭންޑް ނިކުންނާނީ ބެލްޖިއަމް އާއި ދެކޮޅަށެވެ.