Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ތުރުކީ ބަލިކޮށް ވޭލްސް ދެވަނަ ބުރާ ގާތަށް

2-0 އިން ތުރުކީ ބަލިކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ވޭލްސް އިން އާކޮށްފިއެވެ.

މިރޭގެ މެޗާއެކު ގްރޫޕް އޭގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު މިވަގުތު އޮތީ ވޭލްސް އެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު އިޓަލީ އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ ސްވިޒަލޭންޑެވެ. މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެ ގްރޫޕްގެ ފުލުގައި އޮތީ ތުރުކީ އެވެ. މި މެޗުން ބަލިވުމުން މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދަން ތުރުކީ އަށް މިހާރު އަމިއްލަ ބާރެއް ނެތެވެ.

މި ގްރޫޕްގައި މިރޭ އިޓަލީން ސްވިޒަލޭންޑާއި ދެކޮޅަށް ނިކުންނައިރު، އެ މެޗު އެއްވަރުކޮށްލައިގެން ވެސް އިޓަލީ އަށް ގްރޫޕްގެ އެއްވަނަ އަށް އެރޭނެއެވެ.

އަޒަރްބައިޖާންގެ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގެ ކުރީކޮޅު ދެ ޓީމަށް ވެސް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ހުހަށް ހުރެ ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސީ ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި މަތިން ބޭރަށް ދިޔައިިރު ތުރުކީގެ އޭހެން ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކުރީ ވޭލްސްގެ ޑިފެންޑަރު މޮރެލް އެވެ.

ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި ބޭލް ދިން ރީތި ޕާހަކުން ރަމްސީ ވަނީ ވޭލްސް އަށް ލީޑު ނަގާދީފައެވެ. އަދި ނަތީޖާ އެއްވަރުކޮށްލަން ދެވަނަ ހާފްގައި ތުރުކީގެ ތަޖުރިބާކާރު ފޯވާޑް ޔިލްމާޒް އަށް ހުސް ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ވޭލްސްގެ ލީޑު ފުޅާކޮށްލަން މެޗުގެ 60 ވަނަ މިނެޓްގައި ވޭލްސް އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ބޭލް ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ދަނޑި މަތިން ބޭރަށެވެ. މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ތުރުކީން ވަރަށް ބޮޑަށް މަސައްކަތް ކުރިއިރު، ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 87 ވަނަ މިނެޓްގައި ތުރުކީގެ ޑިފެންޑަރު ޑެމިރާލް އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިފާއުކުރީ ވޭލްސްގެ ކީޕަރެވެ.

މި މެޗުން ވޭލްސް އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ކޮނާ ރޮބަޓްސްއެވެ.

ގްރޫޕްގެ ފަހު މެޗުގައި ވޭލްސް އިން ނިކުންނަނީ އިޓަލީއާ ދެކޮޅަށެވެ. ތުރުކީ ބައްދަލުކުރާނީ ސްވިޒަލޭންޑާއެވެ.