Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: އިޓަލީ ދެވަނަ ބުރަށް ދަތުރުކޮށްފި

3-0 އިން ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް އިޓަލީ ދަތުރުކޮށްފިއެވެ. އިޓަލީ އަކީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ޓީމެވެ.

މި މޮޅާއެކު އިޓަލީ މިހާރު އޮތީ ގްރޫޕް އޭގެ އެއްވަނައިގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާ އެކުއެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާ އެކު ވޭލްސް އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާ އެކު އޮތީ ސްވިޒަލޭންޑެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ތުރުކީއެވެ.

މި ގްރޫޕްގައި ދެން ކޮންމެ ޓީމަކަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި އިޓަލީ ނިކުންނާނީ ވޭލްސްއާ ދެކޮޅަށެވެ.

އިޓަލީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 10 ވަނަ މިނެޓްގައި އެޓީމުގެ ފޯވާޑް އިމޯބިލޭ އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އިމޯބިލޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އެ ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 26 ވަނަ މިނެޓްގައި ބެރާޑީ ދިން ޕާހަކުން މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިޓަލީގެ މިޑްފީލްޑަރު މަނުއަލް ލޮކަޓެލީ ވަނީ އިޓަލީ އަށް ލީޑު ނަގާދީފައެވެ. މި ގޯލަށްފަހު ވެސް ފުރަތަމަ ހާފްގައި އިޓަލީ އަށް ވަނީ ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިޓަލީން ނިންމާލިއިރު މެޗުގެ 52 ވަނަ މިނެޓްގައި ލޮކަޓެލީ ވަނީ އިޓަލީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލު ލޮކަޓެލީ ކާމިޔާބުކުރީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އަދި މެޗުގެ 89 ވަނަ މިނެޓްގައި އިޓަލީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ އިމޯބިލޭ އެވެ. އިމޯބިލޭ ވެސް މި ގޯލު ކާމިޔާބުކުރީ ސްވިޒަލޭންޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ސްވިޒަލޭންޑްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް އިޓަލީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އެގޮތުން އިޓަލީގެ ޕެނަލްޓީއޭރިއާގެ ތެރެއަށް ވަނުމަށްފަހު ޒޫބާ ފޮނުވާލި އެ ހަމަލާ އިޓަލީގެ ކީޕަރު ޖިއާންލުއިޖީ ޑޮނަރޫމާ ޑޮންނަރުއްމާ ވަނީ ދިފާއުކޮށްފައެވެ.