Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ރާމޯސް ރެއާލް ދޫކޮށްލައިފި

ރެއާލް މެޑްރިޑް ދޫކޮށްލަން އެޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އަދި ކެޕްޓަން ސާޖިއޯ ރާމޯސް ނިންމައިފިއެވެ.

ރެއާލް އާއެކު ރާމޯސް ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ 30 ވަނަ ދުވަހު ހަމަވާއިރު، އޭނާ ވަނީ އެ ކްލަބުގެ ކޮންޓްރެކްޓް އާނުކުރަން ނިންމާފައެވެ. އެގޮތުން ރާމޯސް އަށް އަލްވަދާއު ކިޔުމަށް ރެއާލް އިން މިއަދު ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވެސް ބައިވެރިވާނެއެވެ.

އުމުރުން 35 އަހަރުގެ ރާމޯސް ރެއާލް އާއި ގުޅުނީ ސެވިއްޔާ އިން 2005 ވަނަ އަހަރުއެވެ. ރާމޯސް ވަނީ އެ ކްލަބަށް 671 މެޗު ކުޅެދީ 101 ގޯލު ކާމިޔާބުކޮށްދީފައެވެ. ރެއާލްގައި ހޭދަކުރި މުއްދަތުގައި ރާމޯސް ވަނީ އެ ކްލަބާއެކު ސްޕެނިޝް ލީގު ފަސް ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ގުނާލެވޭ ރާމޯސް ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 180 މެޗު ކުޅެދީ ވޯލްޑް ކަޕަކާއި ޔޫރޯ ފުޓްބޯޅަ މުބާރާތް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. ނަމަވެސް މިފަހަރު ޔޫރޯ އަށް ނެގި ސްޕެއިންގެ ގައުމީ ޓީމުން ރާމޯސް އަށް ޖާގަ ދީފައެއް ނުވެއެވެ.

ރެއާލް އަށްފަހު ރާމޯސް ދެން ދާނެ ކްލަބެއް އަދި އެނގިފައި ނުވާއިރު، ރިޕޯޓުތައް ބުނާގޮތުން ފްރާންސް ނުވަތަ އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބަކުން އަންނަ ސީޒަނުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތެވެ.