ދިވެހިރާއްޖެއާ އިޒްރޭލާ ދެމެދު ވައިގެ ދަތުރުތައް ފަށަން އުޅޭކަމަށް ދެކެވޭ ވާހަކަ ޓްރާންސްޕޯޓް މިނިސްޓްރީން ދޮގުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއާ އިޒްރޭލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު އެއްވެސް އަސާސެއްނެތް ވާހަކަތަކެއްކަމަށެވެ.
ރާއްޖެއާ އިޒްރޭލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން މިހާތަނަށް އެއްވެސް ވަރަަށް މަޝްވަރާ ކުރެވި އަދި ދަތުރުކުރުމަށް އެއްވެސް އެއާލައިނަކަސް ހުއްދަ ދެވިފައިނުވާކަމަށްވެސް ޓްރާންސްޕޯޓުން ބުނެފައިވެއެވެ. އަދި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރެވިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ.
ޓްރާންސްޕޯޓުން ބުނެފައިވަނީ ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައިނުވާކަމަށާއި، އަދި އިޒްރޭލާއި ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިނުވާކަމަށެވެ.