Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ހުއްޓުވި ލޯންޗްގައި ހަމަލާއާ ގުޅޭ ބަޔަކު ނެތް: ފުލުހުން

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ހައްޔަރުކޮށްފައިވާ ތަހުމީން އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދު ހަމަލާ ދިނުމުގެ ދުވަސްތަކެއް ކުރިން މެރިން ފުލުހުން ކަނޑުމަތިން ހިފަހައްޓާފައިވާކަމަށް އިއްޔަ ބުނުމަށްފަހު، ހުއްޓުވި ލޯންޗްގައި ހަމަލާއާ ގުޅޭ ބަޔަކު ނެތްކަމަށް މިއަދު ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، މެރިން ފުލުހުން ކަނޑުމަތިން ހުއްޓުވި ލޯންޗްގައި ތިބީ ހަތަރު މީހުންކަމަށާއި، އެ ލޯންޗްގައި ތިބި މީހުންގެ ތެރޭގައި ބޮމުގެ ހަމަލާގައި ހައްޔަރުކޮށްފައިވާ އަދުހަމް، ތަހުމީން އަދި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިތުރު މީހަކު ނުހިމެނޭކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ ލޯންޗަށް ފުލުހުން ޕެޓްރޯލް ފޯރުކޮށްދީފައިނުވާކަމަށާއި، އަދި އެ ލޯންޗް ދޫނިދޫއަށްވެސް ގޮސްފައިނުވާކަމަށެވެ. ފުލުހުން ބުނެފައިވަނީ މާލެ އޭރިއާގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި އަދި އެއްވެސް މައްސަލައެއް އުޅޭނަމަ އެކަމަށް އެޓެންޑްވުމަކީ އާންމު އުސޫލުން ފުލުހުން ކުރާ ކަމެއްކަމަށެވެ. އަދި ނަސޭހަތްތެރިވާ ފަރާތްތަކުގެ މައުލޫމާތު ނެގުމަކީވެސް އާންމު އުސޫލުން ކުރަމުން އަންނަކަމެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

ހަމަލާގެ މިޙުން ކަނޑުމަތިން ނުހިފަހައްޓާކަމަށް ފުލުހުން މިއަދު ބުނެފައިވާއިރު އިއްޔަ ފުލުހުން ބުނެފައިވަނީ، މެއި 06ގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ބަޔަކު ހައްޔަރުކުރި ފަހުން، އެމީހުންގެ ތެރޭގައި ހިމެނޭ ތަހްމީން އަޙުމަދަކީ މެއި 01 ވަނަ ދުވަހު މެރިން ޕޮލިސް އިން ކަނޑުމަތިން ހުއްޓުވި ލޯންޗެއްގައި ހުރި ފަރާތްކަމުގައި މެރިން ޕޮލިސްގައި ރެކޯޑުކުރެވިފައިވުމާއެކު އެކަން ތަހުގީގަށް ހިއްސާކޮށްފައިވާކަމަށެވެ.

އަދި އެކަމާ ގުޅިގެން ފުލުހުން ބެލިބެލުމުން އެދުވަހު ކަނޑުމަތިން ހުއްޓުވި ލޯންޗުގައި، ތަހްމީން އަހުމަދުގެ އިތުރުން މިމައްސަލައިގެ ތަހުގީގަށް މިހާރު ހައްޔަރުކޮށްފައިވާ އަދުހަމް އަހްމަދު ރަޝީދު ވެސް ހުރިކަން އެނގިފައިވާކަމަށާ އަދި އެކަމާ ގުޅިގެން ތަހުގީގުން ބަލަންޖެހޭ ކަންކަން ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.