Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: މޮޅަކާއެކު ޔުކްރޭނުން އުއްމީދު އާކޮށްފި

ނޯތު މެސެޑޯނިއާގެ މައްޗަށް 2-1 އިން ކުރި ހޯދާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ޔުކްރޭނުން އާކޮށްފިއެވެ.

މިރޭގެ މޮޅާއެކު ޔުކްރޭން މިހާރު އޮތީ ގްރޫޕް ބީގެ ތިންވަނައިގައި ތިން ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ ދެވަނައިގައި އޮތް އޮސްޓްރިއާ އަދި ނެދަލޭންޑްސް އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެ ދެ ޓީމު މިރޭ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ގްރޫޕްގެ ފުލުގައި ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އޮތީ ނޯތް މެސެޑޯނިއާއެވެ.

ރުމޭނިޔާގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ޔުކްރޭނުން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ 29 ވަނަ މިނެޓްގައި ކެޕްޓަން ޔާމޮލެންކޯ ވަނީ ޔުކްރޭނަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 34 ވަނަ މިނެޓްގައި ރޯމަން ޔަރެމްޗުކް ވަނީ ޔުކްރޭނުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުކްރޭނުން ނިންމާލިއިރު، ފުރަތަމަ ހާފާއި ހިލާފަށް މި ހާފުގައި ނޯތް މެސެޑޯނިއާ އިން ވަނީ ކުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްފައެވެ. އެގޮތުން މެޗުގެ 57 ވަނަ އަލިއޮސްކީ ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އަލިއޮސްކީ މި ގޯލު ކާމިޔާބުކުރީ ނޯތު މެސެޑޯނިއާ އަށް ލިބުނު ޕެނަލްޓީއެއް ޔުކްރޭނުގެ ކީޕަރު ދިފާއުކުރުމުން ބޭރަށް ނިކުތް ވަގުތު ގޯލަށް ފޮނުވާލައިގެންނެވެ.

މި ގޯލަށްފަހު ވެސް ނޯތު މެސެޑޯނިއާ އިން ދިޔައީ ޔުކްރޭންގެ ގޯލަށް ނުރައްކާ ކުރަމުން ކަމަށްވާއިރު، ޔުކްރޭނުން ދިޔައީ ކައުންޓަ އެޓޭކުގައި ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެގޮތުން މެޗުގެ 74 ވަނަ މިނެޓްގައި ޔުކްރޭނުގެ ސައިގަންކޯވް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.

އަދި ލީޑު ފުޅާކޮށްލަން މެޗުގެ 83 ވަނަ މިނެޓްގައި ޔުކްރޭނަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް މަލިނޯވްސްކީ ފޮނުވާލި އެ ޕެނަލްޓީ ވަނީ ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ.

ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔުކްރޭން ނިކުންނާނީ އޮސްޓްރިޔާއާ ދެކޮޅަށެވެ. އަދި ނޯތު މެސެޑޯނިއާ ބައްދަލުކުރާނީ ނެދަލޭންޑްސްއާއެވެ.