ޑެންމާކްގެ މައްޗަށް 2-1 އިން ކުރި ހޯދައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.
މި މޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ބެލްޖިއަމް މިހާރު އޮތީ ގްރޫޕް ބީ ގެ އެއްވަަނައިގައި ހަ ޕޮއިންޓާ އެކުއެވެ. ގްރޫޕް ދެވަނައިގައި އޮތް ރަޝިއާ އަދި ތިންވަނައިގައި އޮތް ފިންލޭންޑަށް ތިން ޕޮއިންޓު ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ޑެންމާކްއެވެ.
މި ގްރޫޕްގައި ދެން ބާކީ ކޮންމެ ޓީމަކަށް ވެސް އޮތީ އެންމެ މެޗެކެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި ބެލްޖިއަމް ނިކުންނާނީ ފިންލޭންޑާއި ދެކޮޅަށެވެ. އަދި ޑެންމާކް ނިކުންނާނީ ރަޝިއާ އާއި ދެކޮޅަށެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިރޭގެ މެޗުގެ ދެވަނަ ވަނަ މިނެޓްގައި ޕޯލްސަން ވަނީ ޑެންމާކަށް ލީޑު ނަގައިދީ ބެލްޖިއަމް ސިއްސުވާލާފައެވެ. މިއީ މިފަހަރުގެ ޔޫރޯގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. މި ގޯލަށްފަހު ފުރަތަމަ ހާފްގައި ޑެންމާކަށް ވަނީ ލީޑު ފުޅާކޮށްލަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެގެން ގޮސްފައެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ބެލްޖިއަމް އިން ކުޅުން ރަނގަޅުކުރިއިރު، ދެވަނަ ހާފްގެ ކުރީކޮޅު ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ އެޓީމުގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކުޅެން އަރުވާފައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓްގައި ތޯގަން ހަޒާޑް ބެލްޖިއަމް އަށް ނަތީޖާ އެއްވަރުކޮށްދިނީ ޑި ބްރޭނާ ދިން ހިތްގައިމު ޕާހަކުންނެވެ.
އަދި މެޗުގެ 70 ވަނަ މިނެޓްގައި އެޑެން ހަޒާޑް ދިން ޕާހަކުން ބެލްޖިއަމް އަށް ލީޑު ނަގައިދިން ގޯލު ކާމިޔާބުކޮށްދިނީ ޑި ބްރޭނާ އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޑެންމާކުގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ވާތު ފައިން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
ނަތީޖާ އެއްވަރުކޮށްލަން ޑެންމާކަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 87 ވަނަ މިނެޓްގައި އެޓީމުގެ ފޯވާޑް މާޓިން ބްރައިތްވައިޓަށެވެ. ނަމަވެސް ބެލްޖިއަމްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.
ބެލްޖިއަމްގެ އިތުރުން މިހާތަނަށް މުބާރާތުގެ ދެވަނަ ބުރަަށް ދެން ދަތުރުކޮށްފައިވާ ޓީމަކީ އިޓަލީއެވެ.