2-0 އިން އޮސްޓްރިއާ ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ނެދަލޭންޑްސް ދަތުރުކޮށްފިއެވެ.
މި މޮޅާއެކު ކުޅުނު ދެ މެޗުން ވެސް މޮޅުވެ ނެދަލޭންސް ދެވަނަ ބުރަށް ދަތުރުކުރީ ގްރޫޕް ސީ ގެ އެއްވަަނަ ޓީމުގެ ގޮތުގައެވެ. އެޓީމަށް ވަނީ ދެ މެޗުން ހަ ޕޮއިންޓު ލިބިފައެވެ. ގްރޫޕް ދެވަނައިގައި އޮތް ޔުކްރޭން އަދި ތިންވަނައިގައި އޮތް އޮސްޓްރިއާ ތިން ޕޮއިންޓު ލިބިފައިވާއިރު ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ނޯތު މެސެޑޯނިއާއެވެ.
މި ގްރޫޕްގައި ދެން ބާކީ ކޮންމެ ޓީމަކަށް ވެސް އޮތީ އެންމެ މެޗެކެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި ނެދަލޭންޑްސް ނިކުންނާނީ ނޯތު މެސެޑޯނިޔާއާ ދެކޮޅަށެވެ. އަދި އޮސްޓްރިއާ ނިކުންނާނީ ޔުކްރޭން އާއި ދެކޮޅަށެވެ.
ނެދަލޭންޑްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ކާމިޔާބުކުރި ފުރަތަމަ ގޯލު މެޗުގެ 11 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެމްފިސް ޑެޕާއި އެވެ. މި ޕެނަލްޓީ ނެދަލޭންޑްސް އަށް ލިބުނީ އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލަބާ އެޓީމުގެ ޕެނަލްޓީއޭރިއާ ތެރެއިން ނެދަލޭންޑްސްގެ ޑަމްފްރީސް އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ޑެޕާއި އަށް މުޅިން ހުސް ފުރުސަތެއް ވެސް ލިބިފައިވެއެވެ. ނަމަވެސް އޮސްޓްރިއާގެ ގޯލު ކުރިމަތީ ހުރެ ޑެޕާއި ފޮނުވާލި އެ ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފްގައި ވެސް ނެދަލޭންޑްސް އިން ދިޔައީ އޮސްޓްރިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ނެދަލޭންސް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި މާލެން ދިން ޕާހަކުން މެޗުގެ 67 ވަނަ މިނެޓްގައި ޑަމްފްރީސް ވަނީ ނެދަލޭންސްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
އޮސްޓްރިއާ އަށް މި މެޗުގައި ނެދަލޭންޑްސްގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ހަމަލާއެކެވެ. އެގޮތުން މެޗުގެ 84 ވަނަ މިނެޓްގައި ނެދަލޭންޑްސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޮސްޓްރިއާގެ ފޯވާޑް އޮނިސިވޯ ބޮލުން ފޮނުވާލި ހަމަލާ ނެދަލޭންޑްސްގެ ކީޕަރު ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފައެވެ.
ނެދަލޭންޑްސް އަކީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރި ތިންވަނަ ޓީމެވެ. މުބާރާތުގެ ތިންވަނަ ބުރުން ދެން ޖާގަ ހޯދާފައިވާ އަނެއް ދެ ޓީމަކީ އިޓަލީ އާއި ބެލްޖިއަމް އެވެ.