އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓްގެ ހިދްމަތް ދެމުން އަންނަ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތަކަށް ދޭތެރެ ދޭތެރެއިން މައްސަލަ ދިމާވެ ކަރަންޓް ކަނޑާލަން ޖެހޭ މައްސަލައަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން 800 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް އަންނަ ހަފްތާ ތެރޭގައި އައްޑު އަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައިސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު ބައެއް މީޑީއާތަކަށް ވިދާޅުވީ ކަރަންޓްގެ ދަތިކަން ދިމާވެފައިވާ އަތޮޅުތަކުގެ ރަަށްރަށުގެ ތެރެއިން ނ. ވެލިދޫއަށް 160 ކިލޯ ޥޯޓްގެ ޖަނަރޭޓަރަކާއި އައްޑޫ ސިޓީގެ ސެންޓަރަލް ޕަވާ ސްޓޭޝަނަށް 800 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ފޮނުވުމަށް ހަމަޖެހިފައިވާއިރު އަންނަ ހަފްތާގައި ގއ. ވިލިނގިއްޔަށް ވެސް 800 ކިލޯ ވޯޓްގެ ޖަނަރޭޓަރެއް ފޮނުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އައްޑޫގެ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް މަރާމާތު ނުކުރެވި ހުރުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ތަފާތު މައްސަލަ ޖެހި ގިނަ އިރު ކަރަންޓް ކަނޑާލަންޖެހެއެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގުމުގެ ސަބަބުން އިންޖިނުގެއަށް ބޭނުންވާ ސްޕެއާ ފަދަ ތަކެތި ހޯދުމަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހެއެވެ.
ރައިސް ނަޝީދުގެ ސަރުކާރުން އިންޖީނުގެ ހިންގާފައިވަނީ ސަދަން ޔޫޓީލިޓީގެ ނަމުގައި ކުންފުންޏެއް އުފައްދައި އެކުންފުނީގެ ދަށުންނެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ނިމުމުން ރައީސް ވަހީދު ވަނީ އެކުންފުނި އުވާލައި ފެނަކަ ނަމުގައި ކުންފުންޏެއް އުފައްދައި އެކުންފުނީގެ ދަށައް އިންޖީނުގެ ގެންގޮސްފައެވެ. އަދި ވެރިކަން ނިމުމުގެ ކުރިން އައްޑޫގެ ކަރަންޓާއި ފެނާއި ނަރުދަމާ ދިނުމަށް އެމްޑަަބްލިއުއެސްސީ އާއި ހަވާލު ކުރުމަށް ނިންމިއެވެ.
މި ސަބަބު ތަކާއި ހެދި އަދިވެސް އެކުންފުނީގެ ތިބި މުވައްޒަފުން ތިބީ ވަގުތީ ކޮށްފައެވެ.