Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

އިންގްލޭންޑަށް ޔޫރޯ ކާމިޔާބު ކުރެވޭނެ: ކޭން

އިންގްލޭންޑަށް ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިދާނެ ކަމަށް އެޓީމުގެ ކެޕްޓަން ހެރީ ކޭން ބުނެފިއެވެ.

ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި އިންގްލޭންޑުން ކްރޮއޭޝިއާގެ މައްޗަށް 1-0 އިން ކުރި ހޯދިއިރު، މިރޭ އެޓީމު ނިކުންނާނީ ސްކޮޓްލޭންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން އިންގްލޭންޑަށް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކޭން ބުނީ މުބާރާތް އިންގްލޭންޑަށް ކާމިޔާބު ކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އިންގްލޭންޑްގެ ގައުމީ ޓީމާއެކު ތަށްޓެއް ހޯދުމަކީ ކުޑައިރުއްސުރެން ފެށިގެން ދެކެމުން އަންނަ ހުވަފަނެއް ކަމަށެވެ.

"ހުރިހާ ކުޅުންތެރިން ވެސް ޖެހޭނެ ގަބޫލުކުރަން މުބާރާތް އަހަރުމެންނަށް ކާމިޔާބު ކުރެވިދާނެ ކަމަށް. ފުރަތަމަ ކުޅުންތެރިން އަމިއްލަ ނަފްސަށް އެކަން ގަބޫލުކުރަންވީ. މި މުބާރާތުގައި މި ކުޅެނީ ވެސް އެ މަގުސަދަށްޓަކާ. އެ ނޫން ގޮތަކަށް މިފަދަ މުބާރާތްތަކުގައި ކުރިއަަކަށް ނުދެވޭނެ" ކޭން ބުންޏެވެ.

އެންމެފަހުން ބޭއްވި ވޯލްޑް ކަޕްގެ ސެމީފައިނަލަށް އިންގްލޭންޑް ދަތުރުކުރިއިރު، ކޭން ބުނީ ފާއިތުވި ތިން ހަތަރު އަހަރުތެރޭ އިންގްލޭންޑް ދަތުރުކުރަމުން ގޮސްފައިވަނީ ރަނގަޅު އަމާޒަކާ ދިމާލަށް ކަމަށެވެ. އަދި ދެން އޮތް ފިޔަވަޅަކީ އެންމެ ކުޑަމިނުން މުބާރާތެއްގެ ފައިނަލާ ހަމައަށް ދިޔުން ކަމަށާއި އެ ފިޔަވަޅާއެކު މުބާރާތެއް ކާމިޔާބު ކުރުމަކީ އުއްމީދެއް ކަމަށްވެސް އޭނާ ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ނުކުޅުނު އިންގްލޭންޑްގެ ޑިފެންޑަރު ހެރީ މެގުއާ ވަނީ މި މެޗަށް ފިޓުވެފައެވެ. އަދި މިރޭގެ މެޗުގައި އިންގްލޭންޑްގެ ފުރަތަމަ އެގާރާގައި ހިމެނިގެން ރީސް ޖޭމްސް އާއި ލޫކް ޝޯ ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

އިންގްލޭންޑާއި ސްކޮޓްލޭންޑް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.