Last Updated: July 22, 14:09
Wednesday, July 22, 2026
ކުޅިވަރު

ޔޫރޯ 2020: ސްވިޑެން ދެވަނަ ބުރާ ގާތަށް ޖެހިލައިފި

1-0 އިން ސްލޮވާކިޔާ ބަލިކުރުމަށްފަހު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރާ ގާތަށް ސްވިޑެން ޖެހިލައިފިއެވެ.

މި މޮޅާއެކު ހަތަރު ޕޮއިންޓާ އެކު ސްވިޑެން އޮތީ ގްރޫޕް އީގެ އެއްވަނައިގައެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު ސްލޮވާކިޔާ އޮތްއިރު، އެއް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައި އޮތީ ސްޕެއިން އެވެ. އަދި ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޕޮލެންޑެވެ.

މި ގްރޫޕްގައި މާދަމާ ރޭ ޕޮލެންޑާއި ދެކޮޅަށް ސްޕެއިން ނިކުންނާނެއެވެ.

ރަޝިއާގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބުކުރާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.

ނަމަވެސް ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ސްވިޑެން އިން ވަނީ ކުޅުން ރަނގަޅުކޮށް ސްލޮވާކިޔާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓްގައި ސްވިޑެން އަށް ޕެނަލްޓީއެއް ލިބުނުއިރު، އެ ޕެނަލްޓީ ކާމިޔާބުކޮށްދީ އެމިލް ފޯސްބާގް ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ.

އަދި އޭގެ އިރުކޮޅެއްފަހުން ލީޑު ފުޅާކޮށްލަން ސްވިޑެންގެ ޒުވާން ފޯވާޑް އިސާކް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

މި މޮޅާއެކު ސްވިޑެން އިން މުބާރާތުގެ ދެވަނަ ބުރުގެ އުއްމީދު އާކުރިއިރު، ގްރޫޕްގެ ފަހު މެޗުގައި އެޓީމު ނިކުންނާނ ޕޮލެންޑާއި ދެކޮޅަށެވެ. އަދި ސްލޮވާކިޔާ ނިކުންނާނީ ސްޕެއިންއާ ދެކޮޅަށެވެ.