Last Updated: April 19, 22:45
Saturday, April 20, 2024
ކުޅިވަރު

އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލައިފި

ފަރުވާ އަށްފަހު ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގެ ފުރަތަމަ ހާފުގައި ހިތްހުއްޓިގެން ދަނޑު މައްޗަށް އެރިކްސަން ވެއްޓުނުއިރު، އޭނާގެ ފުރާނަ ސަލާމަތް ވެފައިވަނީ ދަނޑުމަތީގައި މެޑިކަލް ޓީމުން ދިން އަވަސް ފަރުވާގެ ސަބަބުންނެވެ.

ޑެންމާކުގެ ގައުމީ ޓީމުން ބުނީ ކާމިޔާބު އޮޕަރޭޝަނަކަށްފަހު އެރިކްސަން ހޮސްޕިޓަލުން މިއަދު ދޫކޮށްލާފައިވާ ކަމަށާއި އަދި ގައުމީ ޓީމާއި ވެސް މިއަދު އެރިކްސަން ބައްދަލުކޮށްފައިވާ ކަމަށެވެ. އެރިކްސަން އަށް މުބާރާތް ނިމިފައިވާއިރު ރިކަވަރީގެ ކަންކަމުގައި އާއިލާއެކު އޭނާ ވަގުތު ހޭދަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޑެންމާކުގެ ގައުމީ ޓީމުން ނެރުނު ބަޔާނުގައި އެރިކްސަންގެ މެސެޖެއް ވެސް ހިމަނާފައިވާއިރު، އެރިކްސަން ބުނީ އޭނާ އަށް ދިން ސަޕޯޓަށް ހިފެހެއްޓުމެއް ނެތި ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޮޕަރޭޝަން ދިޔައީ ރަނގަޅަށް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް އެރިކްސަން ބުންޏެވެ.

އަދި ރޭ ބެލްޖިއަމް އާއި ދެކޮޅަށް ރޭ މޮޅަށް ކުޅުނު ޑެންމާކުގެ ގައުމީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުވުމުން އުފާވާ ކަމަށާއި ގްރޫޕްގެ ފަހު މެޗުގައި ރަޝިޔާއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމަށް ހިތްވަރު ދިނުމުގައި ދެމި ހުންނާނެ ކަމަށްވެސް އެރިކްސަން ބުންޏެވެ.

ގްރޫޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން ޑެންމާކް ބަލިވެފައިވާއިރު، މުބާރާތުގެ ދެވަނަ ބުރަށް ދިޔުމަށް އެޓީމަށް މިހާރު ވަނީ އަމިއްލަ ބާރު ގެއްލިފައެވެ.