Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

ޔޫރޯ 2020: ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ފުއްދާލީ ޕޮއިންޓަކުން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ކްރޮއޭޝިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކުު ޗެކް ރިޕަބްލިކް އޮތީ ގްރޫޕް ޑީ ގެ އެއްވަނައިގައެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު އިންގްލޭންޑް އޮތްއިރު، ތިންވަނައިގައި އޮތް ކްރޮއޭޝިއާ އަދި ގްރޫޕްގެ ފުލުގައި އޮތް ސްކޮޓްލޭންޑަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މިރޭގެ ނަތީޖާއާއެކު ގްރޫޕްގެ ފަހު މެޗުގައި ސްކޮޓްލެންޑާ ދެކޮޅަށް ނަތީޖާ ނެރެގެން ނޫނީ ކްރޮއޭޝިއާ އަށް އަނެއް ބުރުން ފުުރުސަތު ނުލިބޭނެއެވެ.

މި ގްރޫޕްގައި މިރޭ އިންގްލޭންޑް އާއި ސްކޮޓްލޭންޑް ބައްދަލުކުރާއިރު، އެ މެޗުން މޮޅުވެގެން އިންގްލޭންޑަށް މުބާރާތުގެ ދެވަނަ ބުރަށް ދެވޭނެއެވެ.

ސްކޮޓްލޭންޑުގައި މިރޭ ކުޅުނު މި މެޗު ޗެކް ރިޕަބްލިކުން ވަރުގަދަކޮށް ފެށިއިރު، މެޗުގެ 35 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. އެގޮތުން މި ޕެނަލްޓީ ކާމިޔާބުކޮށްދީ ޗެކް ރިޕަބްލިކަށް ލީޑު ނަގައިދިނީ ޕެޓްރިޝް ޝިކް އެވެ. މި ޕެނަލްޓީ ޗެކް ރިޕަބްލިކަށް ލިބުނީ ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު ލޮވްރެންގެ އުޅަބޮށިން ޝިކް އަށް ހަމަލާދިނުމާ ގުޅިގެންނެވެ.

ޗެކް ރިޕަބްލިކް ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ކްރޮއޭޝިއާގެ އިވާން ޕެރިސިޗް ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ޕެރިސިޗް މި ގޯލު ކާމިޔާބުކުރީ ޗެކް ރިޕަބްލިކްގެ ޕެނަލްޓީއޭރިއާގެ އަރިމަތީގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އަދި މެޗުގެ ލީޑު ނަގަން ޕެރިސިޗް އާއި ކްރޮއޭޝިއާގެ ފޯވާޑް ޕެޓްކޮވިޗް އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ޗެކް ރިޕަބްލިކްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ޕެރިސިޗް ފޮނުވާލި ހަމަލާ ގޯލުގެ ދަނޑި މަތިން ބޭރަށް ދިޔައިރު، ޕެޓްކޮވިޗް ފޮނުވާލި ނުރައްކާތެރި ހަމަލާ ދިފާއުކުރީ ޗެކް ރިޕަބްލިކްގެ ޑިފެންޑަރު ކަލަސް އެވެ.

މި ހާފުގައި ޗެކް ރިޕަބްލިކަށް ކްރޮއޭޝިއާގެ ގޯލަށް މާބޮޑު ނުރައްކަލެއް ކުރެވިފައި ނުވާއިރު، އެޓީމުން މި ހާފުގައި ކުޅުނީ ފުދޭވަރަކަށް ޑިފެންސިވް ކުޅުމެކެވެ.