Last Updated: July 22, 13:36
Wednesday, July 22, 2026
ކުޅިވަރު

ޕޯޗުގަލް އަކީ ހަމައެކަނި ރޮނާލްޑޯ އެއް ނޫން: ލޯވް

ޕޯޗުގަލް އަކީ ހަމައެކަނި އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބިނާވެފައި އޮތް ޓީމެއް ނޫން ކަމަށް ޖަރުމަނު ޓީމުގެ ކޯޗު ޔާގީ ޔަކިމް ލޯވް ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލް އާއި ދެކޮޅަށް ޖަރުމަނު ނިކުންނައިރު، ޕޯޗުގަލް ވަނީ ފުރަތަމަ މެޗުގައި ހަންގޭރީގެ މައްޗަށް 3-0 އިން މޮޅުވެފައެވެ. އަދި ޖަރުމަނު ވަނީ ފްރާންސް އަތުން 1-0 އިން ބަލިވެފައެވެ. މިރޭގެ މެޗަކީ މުބާރާތުގައި ކުރިއަށް ދިޔުމަށް މި ދެ ޓީމަށް ވެސް މުހިއްމު މެޗެކެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ލޯވް ބުނީ 2016 ވަނަ އަހަރު ބޭއްވި ޔޫރޯއާ ހިލާފަށް ޕޯޗުގަލް އަކީ މިހާރު ހަމައެކަނި ރޮނާލްޑޯ އަށް ބިނާވެފައި އޮތް ޓީމެއް ނޫން ކަމަށާއި އެޓީމުގައި މިހާރު މޮޅެތި އެޓޭކިން ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ.

އަދި ފުރަތަމަ މެޗުގައި ޖަރުމަނާ ދެކޮޅަށް ކުޅުނު ފްރާންސް އަކީ ޖާގަތައް ހަނިކޮށްގެން ޑައިރެކްޓް ފުޓްބޯޅައެއް ކުޅޭ ޓީމެއް ކަމަށްވީ ނަމަވެސް ޕޯޗުގަލް އަކީ ތަފާތު އެކި ކޮމްބިނޭޝަންތަކާ އެކީ އެޓޭކިން ފުޓްބޯޅައެއް ކުޅޭ ޓީމެއްކަން ފާހަގަކުރަމުން ލޯވް ވަނީ އެޓީމަށް ރޮނާލްޑޯގެ ހުރި މުހިއްމުކަން ފާހަގަކޮށްފައެވެ.

"ރޮނާލްޑޯ އަކީ ކޯކްފުޅިތައް ދުރުކުރުމަށް ވުރެ މާގިނަ ގިނަ ކަންކަން ކުރެވޭނެ ފެންވަރު ހުރި މީހެއް" ލޯވް ބުންޏެވެ.

ލޯވްގެ ތައުރީފު ރޮނާލްޑޯ އަށް އޮއްސާލާފައިވާއިރު، ރޮނާލްޑޯ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ވެސް ދެ ގޯލު ކާމިޔާބުކޮށްފައެވެ.

މީގެއިތުރުން ފްރާންސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖަރުމަނަށް އެޓޭކުތައް އުފައްދަން އުނދަގޫތަކެއް ކުރިމަތިވިއިރު ލޯވް ބުނީ އެ މެޗަށްފަހު އެ ކަންކަން ހައްލުކުރުމަށް ފަރިތަކުރުންތަކުގައި މަސައްކަތް ކޮށްފައިވާނެ ކަމަށާއި ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ޕޮޒިޓިވް ކަންތައްތަކެއް ކަމަށެވެ.

ޖަރުމަނާއި ޕޯޗުގަލް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 9 ޖަހާއިރު އެވެ.