Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ގްރިޒްމަން އަށް ޑެޝޯމްޕްގެ ހިފެހެއްޓުމެއް ނެތް ތައުރީފު

ފްރާންސްގެ ފޯވާޑް އެންޓުއާން ގްރިޒްމަން އަށް އެޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ހިފެހެއްޓުމެއް ނެތް ތައުރީފު އޮއްސާލައިފިއެވެ.

ބޮޑު އަގެއްގައި ސްޕެއިންގެ ބާސެލޯނާ އަށް ބަދަލުވި ގްރިޒްމަން އަށް އެ ކްލަބުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކޭތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އޭނާ ވަނީ އަމާޒުވެގެން ގޮސްފައެވެ. ނަމަވެސް ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނުގެ މައްޗަށް 1-0 އިން ފްރާންސް އިން ކުރި ހޯދި މެޗުގައި ގްރިޒްމަން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ހަންގޭރީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޑެޝޯމްޕް ބުނީ ގްރިޒްމަން އަކީ ޔޫރަޕާއި ދުނިޔޭގެ ވެސް އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި ގައުމީ ޓީމާއެކު ގްރިޒްމަން އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށެވެ.

"ބައެއް ފަހަރު ގްރިޒްމަން ޑިފެންސްގައި ވެސް ހަރަކާތްތެރިވޭ، އެއީ އޭނާ ކްލަބު ފުޓްބޯޅަ އިން ދަސްކޮށްގެން ކުރާ ކަމެއް. އަހަރެން ނުބުނާނަން އެކަން ނުކުރާށެކޭ" ޑެޝޯމްޕް ބުންޏެވެ.

ޑިފެންސަށް ފައިބައިގެން ގްރިޒްމަން ކުޅުނު ނަމަވެސް ޓީމުގެ އެޓޭކުތަކުގައި އޭނާ ބައިވެރިވާ މިންވަރު ކުޑަތަންކޮޅެއް ވެސް ދަށްނުވާ ކަމަށާއި އެއީ ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭ ކަމެއް ކަމަށްވެސް ޑެޝޯމްޕް ބުންޏެވެ. އަދި ގައުމީ ޓީމަށް ގްރިޒްމަން ކާމިޔާބުކޮށްދީފައިވާ ގޯލާއި ހަދާފައިވާ އެސިސްޓްތަކަށް ބެލުމުން ގައުމީ ޓީމުގައި އޭނާގެ ނުފޫޒު އޮތް މިންވަރު ފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ހަންގޭރީ އާއި ފްރާންސް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 6 ޖަހާއިރުއެވެ. މި މެޗުން މޮޅުވެގެން ފްރާންސް އަށް ދެވަނަ ބުރަށް ދަތުރުކުރެވޭނެއެވެ.