Last Updated: April 25, 18:10
Thursday, April 25, 2024
ޚަބަރު

އެމްޑީޕީ "6 މެއި ކޮމިޓީ"ގެ ވާހަކަތަކަށް އެޗްއާރްސީއެމުން ރައްދު ދީފި

ފޮޓޯ: އެޗްއާރްސީއެމް

އެމްޑީޕީގެ 175 ވަނަ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި "6 މެއި ކޮމިޓީ"ގެ ޗެއަރ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ދެއްކެވި ވާހަކަތަކަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސިއެމް)އިން ރައްދު ދީފިއެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އުމައްސަލައިގެ ކަންކަން ދާގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ "6 މެއި ކޮމިޓީ"ގެ މަސައްކަތުގެ މައުލޫމާތު ސާފުކުރުމަށް ބޭއްވި ބައްދަލުވުމުގައި އަފީފް ވިދާޅުވެފައިވަނީ، މިކަމާ ގުޅިގެން އެޗްއާރްސީއެމުން ބަޔާނެއް ނެރުނު ވާހަކަވެސް އަޑުނާހާ ކަމަށާއި، އަދި އެކަން އެންމެ ކުޑަމިނުން ކުށްވެރި ނުކުރާނަމަ އެޗްއާރްސީއެމުން މައްސޫލިޔަތު އަދާކުރާކަމަށް ބަލައިގަންނާނީ ކިހިނެއްތޯ ސުވާލު އުފައްދާވާފައެވެ.

އަފީފްގެ ވާހަކަތަކަށް ރައްދުދީ އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާދިން ރޭ އެޗްއާރްސީއެމްގެ ހާއްސަ ޓީމެއް ހޮސްޕިޓަލަށް ދިޔަ ކަމަށާއި، އަދި އެކަން ކުށްވެރިކޮށް އެކަން ބަލާނެކަން ހާމަކޮށް ޓްވީޓްކޮށް ބަޔާންނެރެފައިވާނެކަމަށެވެ.

އެޗްއާރްސީއެމުން ބުނެފައިވަނީ މި މައްސަލައިގެ ކަންކަން އެ ކޮމިޝަނުން ބަލަމުން އަންނަކަމަށާއި، އެގޮތުން ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން އަމަލުކޮށްފައިވާ ގޮތާއި އަމަލު ކުރަމުންދާ ގޮތްބަލާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމުން އަންނަކަމަށެވެ. އެގޮތުން މައުލޫމާތު ހޯދުމަށް މާލެސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސާވިސް، މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ޑިފެންސްއަށް ލިޔުމުން ހުށަހަޅާފައިވާކަމަށްވެސް އެޗްއާރްސީއެމުން ބުނެފައިވެއެވެ. އަދި ޑިފެންސް ފިޔަވައި އެހެން މުއައްސަސާތަކުން އެދިފައިވާ މައުލޫމާތު ހިއްސާ ކޮށްފައިވާކަމަށްވެސް އެޗްއާރްސީއެމުން ބުނެފައިވެއެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވަނީ އެ ކޮމިޝަނުން މި މައްސަލަ ބަލުމް ދަނިކޮށް އަދި ގިނަ ކަންތައްތަކެއް ހަރުދަނާ ކުރަމުން ދަނިކޮށް ހަގީގަތާއި ހިލާފު ވާހަކަ ދެއްކުމުން ކަންބޮޑުވާކަމަށެވެ.