Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން: މަހުލޫފް

ސަސްޕެންޑް ކޮށްފައި ހުރި ޔޫތް މިނިސްޓްރު އަހުމަދު މަހުލޫފް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

މަހުލޫފް، ޝިއުނާއަށް ފާޑުވިދާޅުވެ ޓްވީޓްކުރައްވާފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައި އޮތް މައްސަލަ އަނބުރާ ފޮނުވާލިކަމަށްބުނާ ހަބަރަކާ އެކުއެވެ. އެހެންނަމަވެސް ޕީޖީން ބުނެފައިވަނީ މައްސަލަ ފޮނުވާލާފައި ނުވާކަމަށާއި، އެދިފައިވާނީ އިތުރު ހެކިތަކާ ގުޅޭ ލިޔުންތައް ހުށަހަޅަން ކަމަށެވެ.

މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މައްސަލަ ޕީޖީއަށް ފޮނުވަމުން އޭސީސީން ބޮޑު ބަޔާނެއް ނެރެފައިވާކަމަށާއި، އަނބުރާ ފޮނުވާލުމަ ތިބެނީ ހަނުކަމަށެވެ.

"އަޅުގަނޑަކީ ޝިއުނާ ކުޅެންގެންގުޅޭ ބޯޅައެއްނޫން،ކަންކުރަން ނޭގެންޔާ އިސްތިއުފާ ދެއްވީމަ މާރަނގަޅުވާނެ." މަހުލޫފްގެ ޓްވީޓްގައިވެއެވެ.

މީގެ އިތުރުން ވިދާޅުވެފައިވަނީ ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނުކޮށް، ކުޅޭ ކުޅިވަރަކަށް މިކަން ނުހެދޭނެކަމަށެވެ.

މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.

އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވާފައިވާއިރު އެ މައްސަލައާ ގުޅިގެން މަހުލޫފް ހުރީ މަގާމުގެ މައްސޫލިޔަތުތަކުން އެކަހެރި ކޮށްފައެވެ.