Last Updated: April 25, 17:42
Thursday, April 25, 2024
ކުޅިވަރު

ޔޫރޯ 2020: ހަންގޭރީން ވަރުގަދަ ފްރާންސްއާ އެއްވަރުކޮށްފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފްރާންސް އާއި ހަންގޭރީ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެެއެވެ.

މިރޭގެ މެޗުން މޮޅުވެގެން ފްރާންސަށް ދެ ވަނަ ބުރަށް ދެވެން އޮތްއިރު، މި މެޗު އެއްވަރުވުމުން ދެވަނަ ބުރަށް ދިޔުމަށް އެޓީމަށް މިހާރު ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އެފްގެ އެއް ވަނައިގައި ފްރާންސް އޮތީ ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ޕޯޗުގަލް އަށް އެއް މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިން ވަަނައިގައި ހަންގޭރީ އޮތީ ދެ މެޗުން ޕޮއިންޓަކާ އެކުއެވެ. އެންމެ ފުލުގައި އޮތް ޖަރުމަނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މިރޭ ޖަރުމަނާއި ޕޯޗުގަލް ބައްދަލުކުރާނެ އެވެ.

ހަންގޭރީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗު ޑޮމިނޭޓްކޮށްގެން ފްރާންސް އިން ކުޅުނުއިރު އެޓީމުން ވަނީ ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ފުރަތަމަ ހާފްގައި ތަނަވަސްކޮށްފައެވެ. އެގޮތުން ކިލިއަން އެމްބާޕޭ ފޮނުވާލި ދެ ހަމަލާ އަކާއި ކަރީމް ބެންޒެމާ ފޮނުވާލި ނުރައްކާތެރި ހަމަލާ ދިޔައީ ގޯލުގެ ކުޑަ ތަންކޮޅެއް ބޭރުންނެނެވެ.

މި ފުރުސަތުތަކުގެ ބޭނުން ފްރާންސް އަށް ނުހިފުނުއިރު، ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ހަންގޭރީން އުފެއްދި ކައުންޓަ އެޓޭކެއްގައި އަޓިލާ ފިޔޯލާ ވަނީ ހަންގޭރީ ޓީމަށް ލީޑު ނަގައިދީ ފްރާންސް ސިއްސުވާލާފައެވެ.

ހަންގޭރީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، އެޓޭކުތަކެއް ވަރުގަދަ ކުރަން ދެވަނަ ހާފްގެ ކުރީކޮޅު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް ވަނީ މެދުތެރެއަށް ކުޅެމުން އައި ރަބިއޯ ބޭލުމަށްފަހު އޮސްމާން ޑެމްބޭލޭ ކުޅެން އަރުވާފައެވެ. އެގޮތުން ޑެމްބޭލޭ ފޮނުވާލި ފުރަތަމަ ހަމަލާ ވެސް އަމާޒުވީ ހަންގޭރީގެ ގޯލުގެ ދަނޑި އަށެވެ.

ނަމަވެސް އެމްބާޕޭ ދިން ޕާހަކުން މެޗުގެ 66 ވަނަ މިނެޓްގައި އެންޓުއާން ގްރިޒްމަން ވަނީ ފްރާންސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ގޯލަށްފަހު ލީޑު ނަގަން ފްރާންސް އިން ދިޔައީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީޑު ނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފްރާންސްގެ ފޯވާޑް އެމްބާޕޭ އަށް ކަމަށްވާއިރު އޭނާ ފޮނުވާލި ބާރު ހަމަލާ މިރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ހަންގޭރީގެ ކީޕަރު އޯބަން ވަނީ ދިފާއުކޮށްފައެވެ.

އަދި މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ފްރާންސްގެ ޑިފެންޑަރު ރަފޭލް ވަރާން އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.