Last Updated: April 26, 23:00
Friday, April 26, 2024
ކުޅިވަރު

ޔޫރޯ 2020: ޖަރުމަނުން ޕޯޗުގަލް އަށް ފެންވަރު ދައްކާލައިފި

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޕޯޗުގަލްގެ މައްޗަށް 4-2 އިން ޖަރުމަނުން ކުރި ހޯދައިފިއެވެ.

މިރޭގެ މެޗުން މޮޅުވެގެން ޕޯޗުގަލް އަށް ދެ ވަނަ ބުރަށް ދެވެން އޮތްއިރު، މި މެޗު އެއްވަރުވުމުން ދެވަނަ ބުރަށް ދިޔުމަށް އެޓީމަށް މިހާރު ވަނީ އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.

މި ނަތީޖާއާއެކު ގްރޫޕް އެފްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ފްރާންސް އެވެ. ތިން ޕޮއިންޓާ އެކު ދެވަނައިގައި ޖަރުމަނު އޮތްއިރު، ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ޕޯޗުގަލް އެވެ. ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ހަންގޭރީ އެވެ.

ޖަރުމަނުގެ ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގެ 15 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޕޯޗުގަލް އަށް ލީޑު ނަގާދީފައެވެ. މި ގޯލު ރޮނާލްޑޯ ކާމިޔާބުކޮށްފައިވަނީ ޕޯޗުގަލް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ޖޯޓާ ދިން ޕާހަކުންނެވެ.

މި ގޯލަށްފަހު ޕޯޗުގަލް އިން ޑިފެންސިވްކޮށް ކުޅުނުއިރު މެޗުގެ 35 ވަނަ މިނެޓްގައި ޖަރުމަނުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެގޮތުން މި ގޯލަކީ ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި މެޗުގެ 39 ވަނަ މިނެޓްގައި ޖަރުމަނުން ލީޑު ނެގިއިރު މި ގޯލަކީ ވެސް ޕޯޗުގަލްގެ ޑިފެންޑަރު ރަފޭލް ގުރޭރޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޖަރުމަނުން ނިންމާލިއިރު، މެޗުގެ 51 ވަނަ މިނެޓްގައި ކައި ހަވެޓްޒް ވަނީ ޖަރުމަނުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 60 ވަނަ މިނެޓްގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޮބިން ގޮސެންސް ވަނީ ޖަރުމަނުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

ލީޑު ފުޅާކޮށްލުމަށްފަހު ޖަރުމަނުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނުއިރު، މެޗުގެ 67 ވަނަ މިނެޓްގައި ރޮނާލްޑޯ ދިން ޕާހަކުން ޖޯޓާ ވަނީ ގޯލެއް ކާމިޔާބުކޮށްދީ ޕޯޗުގަލްގެ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މި ގޯލަށްފަހު ރެނާޓޯ ސަންޗޭސް ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ޖަރުމަނުގެ ގޯލަށް ފޮނުވާލާފައެވެ. އެގޮތުން ސަންޗޭސް ދުރުން ފޮނުވާލި އެ ހަމަލާ އަމާޒުވީ ޖަރުމަނުގެ ގޯލުގެ ދަނޑި އަށެވެ.

މިރޭގެ މެޗަކީ މިފަހަރުގެ ޔޫރޯގައި އެންމެ ގިނަ އަދަދަކަށް އެއް މެޗެއްގައި ގޯލު ފެނިގެންދިޔަ މެޗުކަން ފާހަގަކޮށްލެވެއެވެ.