Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ޔޫރޯ 2020: ޕޮލެންޑާ އެއްވަރުވެ ސްޕެއިނަށް ނުތަނަވަސްކަން

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްޕެއިން އާއި ޕޮލެންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ސްޕެއިން މިހާރު އޮތީ ދެ މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ގްރޫޕް އީގެ ތިންވަނައިގައެވެ. ޕޮލެންޑް އޮތީ އެއް ޕޮއިންޓާ އެކު ގްރޫޕްގެ ފުލުގައެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ސްވިޑެން އޮތްއިރު، ދެވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ސްލޮވާކިޔާއެވެ.

މިއީ 1996 ވަނަ އަހަރަށްފަހު ސްޕެއިން އިން އެންމެ ދަށް ގޮތަކަށް ފެށި ޔޫރޯކަން ފާހަގަކޮށްލެވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 25 ވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ ސްޕެއިން އަށް ލީޑު ނަގާދީފައެވެ. މެޗުގެ 43 ވަނަ މިނެޓްގައި ނަތީޖާ އެއްވަރުކޮށްލަން ޕޮލެންޑަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން ސްޕެއިންގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ޕޮލެންޑުގެ ސްވިޑާސްކީ ފޮނުވާލި ހަމަލާ ސްޕެއިންގެ ގޯލުގެ ދަނޑީގައި ޖެހިފައި ލިބުނީ ރޮބަޓް ލެވެންޑޯސްކީ އަށް ކަމަށްވާއިރު އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އެވެ.

އަދި ފުރަތަމަ ހާފްގެ ފަގު ވަގުތުކޮޅުތެރޭ ސްޕެއިންގެ ޖެރާޑް މޮރޭނޯ އަށް ލީޑު ފުޅާކޮށްލަން ފުރުސަތެއް ލިބުނު ނަމަވެސް އެ ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ސްޕެއިން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަަމަވެސް މެޗުގެ 54 ވަނަ މިނެޓްގައި ލެވެންޑޯސްކީ ވަނީ ޕޮލެންޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ލެވެންޑޯސްކީ މި ގޯލު ކާމިޔާބުކުރީ ސްޕެއިންގެ ޕެނަލްޓިއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.

ޕޮލެންޑުން ނަތީޖާ އެއްވަރުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ލީޑު އަލުން ނަގަން ސްޕެއިން އަށް ޕެނަލްޓީއެއް ލިބިފައިވެއެވެ. ނަމަވެސް މޮރޭނޯ ފޮނުވާލި އެ ޕެނަލްޓީ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ. އަދި ދަނޑީގައި ޖެހިފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަން މޮރާޓާ އަށް ވެސް ފުރުސަތު ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ބޯޅަ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

ޕެނަލްޓީ އަށްފަހު ވެސް ސްޕެއިން އަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ޕޮލެންޑުގެ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ ފެރަން ޓޮރޭސް ބޮލުން ފޮނުވާލި ހަަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު ރޮޑްރީ އާއި މޮރާޓާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޕޮލެންޑުގެ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

މި ގްރޫޕްގައި ބާކީ ދެން ކޮންމެ ޓީމަކަށް އޮތީ އެންމެ މެޗެކެވެ. އެގޮތުން ފަހު މެޗުގައި ސްޕެއިން ނިކުންނާނީ ސްލޮވާކިޔާއާ ދެކޮޅަށެވެ. އަދި ސްވިޑެން ބައްދަލުކުރާނީ ޕޮލެންޑާއެވެ.