ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ ވަޑައިގެންފިއެވެ.
މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުއެވެ. މިނިސްޓަރު ޝާހިދު ނިއުޔޯކަށް ވަޑައިގެންފައިވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ އިންތިހާބުގައި ވާދަކުރެއްވުމަށެވެ.
އދ ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް ކަމަށް މިނިސްޓަރު ޝާހިދު އިންތިހާބު ވެފައިވަނީ 143 ގައުމުގެ ވޯޓާއެކުއެވެ. ޝާޙިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ.ރަލްމައި ރަސޫލަށް ލިބިފައިވަނީ 48 ގައުމުގެ ވޯޓެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އާންމު މަޖިލީހުގެ ރައީސް ކަމަށް ބޭފުޅުން ހޮވަނީ އެެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ރައީސް ހޮވާނީ އާ ދައުރު ފެށުމުގެ ތިން މަސް ދުވަސް ކުރިންނެވެ.
މި އިންތިހާބު ޝާހިދު ކާމިޔާބު ކުރެއްވިއިރު، އިންތިހާބުގެ ކެމްޕެއިނަށް މި އަހަރު ބަޖެޓުން 4.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.