ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް މަޖިލީހުން ކުރިއަށްގެންދާ ޕާލިމެންޓަރީ އިންކުއަރީއަށް މާދަމާ ޑިފެންސް މިނިސްޓަރު މާރިޔާ އާހުމަދު ދީދީ ހާޒިރު ކުރުމަށް ނިންމައިފިއެވެ.
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ބައެއް މެމްބަރުންގެ ފާޑުކިޔުން މިނިސްޓަރު މާރިޔާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ރައީސް ނަޝީދަށް ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު މިނިސްޓަރު މާރިޔާއަށް ލިބި ފިޔަވަޅު ނާޅާ އޮތްކަމަށްވެސް ތުހުމަތު ކުރެވެއެވެ.
މިނިސްޓަރު މާރިޔާ ވަނި މަޖިލީހުގެ އިންކުއަރީއަށް މަރުހަބާ ވިދާޅުވެ އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ އިންކުއަރީއަށް ހޮނިހިރު ދުވަހު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ޑިރެކްޓަރ ޖެނެރަލް، ކައުންޓަރ ޓެރަރިޒަމް ސެންޓަރ، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ ޑިރެކްޓަރ ކައުންޓަރ ޓެރަރިޒަމް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއިލް ހާޒިރުވެ ސުވާލުތަކަށް ޖަވާބު ދީފައިވެއެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑުންވެސް ހާޒިރުވެފައިވެއެވެ.
މީގެ އިތުރުން މާލެސިޓީ ކުރީގެ މޭޔަރު ޝިފާ މުހައްމަދާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި އެމްއެމްއޭގެ ގަވަރުނަރު ޢަލީ ހާޝިމްއާއި ޑެޕިއުޓީ ގަވަރުނަރު އަދި ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓްގެ ހެޑް ހާޒިރުވެފައިވެއެވެ.