މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި އޮގަސްޓް 5 ގައި ދައުވާ ކުރުމަށް ކޯޓަށް ހުށަހެޅޭނެކަމަށް ލަފާކުރެވޭ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސައިގެ ތަހުގީގު ހިތްހަމަ ޖެހޭ ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ.
ޕީޖީ ޝަމީމް ވިދާޅުވީ ތަހުގީގުގެ ކަންކަން ކުރިއަށްދާއިރު ޕްރޮސިކިއުޓަރަކު ކަންކަން ބައްލަވާ ކަމަށާއި، އަދި ޕީޖީގެ ޓީމަކުންވެސް އެކަން ބަލަމުން އަންނަކަމަށެވެ. އަދި މިކަމުގައި ފުލުހުން ބޭރުގެ ފަރާތްތަކުގެ ލަފާ ހޯއްދަވާކަމަށާއި، ތަހުގީގު ޖުމުލަކޮށް ކުރިއަށްދާގޮތާމެދު ހިތްހަމަ ޖެހޭކަމަށް ވިދާޅުވިއެވެ.
އެ މައްސަލައިގައި ޖުލައިފަހުކޮޅު ތަހުގީގު ނިންމާ ލިޔުންތައް ލިބޭނެކަމަށް ލަފާކުރެވޭކަމަށާއި އަދި އޮގަސްޓް 5 ގައި ދައުވާ ކުރަން ފޮނުވާނެކަމަށް ލަފާ ކުރެވޭކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަނީ އޭގެ ކުރިންވެސް ކަންކަން ނިންމާ ދައުވާ ކުރެވޭތޯ ކަމަށް ވިދާޅުވިއެެވެ.
މި ހަމަލާއާ ގުޅިގެން ފުލުހުން މިހާތަނަށް ހަތަރު މީހުން ހައްޔަރު ކޮށްފައިވެއެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އަދި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު އެވެ. އަދުހަމް އަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އަދި ތަހުމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ.