އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލައިގައި ބޭނުންވާކަންކަން ފުރިހަމަވުމުން ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީއަށް މައްސަލަ ފޮނުވާފައިވާއިރު، މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ފުރިހަމަކުރަންޖެހޭ ބައެއްކަންކަން ފުރިހަމަ ކުރުމަށް އޭސީސީގައި އެދިފައިވާކަމަށެވެ.
ޕީޖީ ޝަމީމް ވިދާޅުވީ މިނިސްޓަރު މަހުލޫފް ވީތީ ވަކިގޮތަކަށް އަމަލުކުރަނީ ނޫންކަމަށާއި، ބަލަންޖެހޭކަންކަން ބެލުމަށްފަހު ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެކަމަށެވެ.
ޝަމީމް ވިދާޅުވީ ދައުވާ ކޮށްދިނުމަށްއެދި މައްސަލައެއް ޕީޖީއަށް ފޮނުވާއިރު ޕީޖީ އޮފީހަށް މުހިންމުވަނީ ކޯޓުގައި ސާބިތު ކުރެވޭވަރުގެ ހެކި ހުރިތޯ ބެލުން ކަމަށެވެ.
މަހުލޫފް މައްސަލައިގައި ދައުވާ ނުކޮށް އުޅެނީ ޕީޖީ ބިރުގަންނާތީކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކައާ ގުޅިގެން ޝަމީމް ވިދާޅުވީ ބިރުގަންނަންޖެހޭ އެއްވެސް ކަމެއް ނެތްކަމަށާއި، މިސަރުކާރުގެ ސްޓޭޓް މިނިސްޓަރެއްގެ މައްޗަށް ވސް ދައުވާ އުފުއްލެވި ކަމަށެވެ. އަދި ކުރީގެ ރައީސެއްގެ މައްޗަށް ދައުވާ ކުރަން ޖެހުމުން މީގެ ކުރިން އެކަންވެސް ކޮށްފައިވާނޭކަމަށް ވިދާޅުވިއެވެ.
މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.
އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވާފައިވާއިރު އެ މައްސަލައާ ގުޅިގެން މަހުލޫފް ހުރީ މަގާމުގެ މައްސޫލިޔަތުތަކުން އެކަހެރި ކޮށްފައެވެ.