ގްލޯބަލް ލިންކ ޗެލެންޖްގެ ގްރޫޕް އޭގެ ދެވަނަ މެޗްގައި މީދޫ މުލިމަތި ޔުނައިޓެޑް އާއި ހުޅުދޫ ޔޫތު ފައުންޑޭޝަން ބައްދަލުކުރި މެޗް 2-0 ލަނޑުން މުލިމަތި މޮޅުވެ ސެމީ އާއި ގާތަށް ޖެހިލައިފިއެވެ.
މެޗްގައި މުލިމަތިޓީމުންޖެހި ފުރަތަމަ ލަނޑު 26 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކުރިން އޯކިޑް ސްޕޯޓްސް އާއި ނިއުއަށް ކުޅެފައިވާ ތަޖްރިބާ ކާރު ކުޅުންތެރިއާ އަޝްރަފެވެ. މިލަނޑަކީ މުލިމަތިޓީމުގެ އަދުނާނު ޔޫތު ފައުންޑޭޝަންގެ ގޯލްކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުންޖަހާ ގޯލްތެރެއަށް ފޮނުވާލައިގެން އަޝްރަފް ކާމިޔާބުކޮށްދީފައިވާ ލަނޑެވެ.
މުލިމަތި ޓީމްގެ ދެވަނަ ލަނޑު 64 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ އަލީ ނާފިއު ( މާޒިޔާކަޅޭ)އެވެ. މިލަނޑު ކަޅޭ ކާމިޔާބުކޮށްފައިވަނީ ޔޫތު ފައުންޑޭޝަންގެ ޑިފެންޑަރ ރަމީޒު ކަޓުވާލުމަށްފަހު ބޯޅަހިފައިގެން ޕެނަލްޓީއޭރިއާގެ ތެރެއަށް ވަނުމުން ބޯޅަ ދިފާއުކުރަން ނިކުތް ކީޕަރުވެސް ކަޓުވާލުމަށްފަހު ބޯޅަ ގޯލްތެރެއަށް ވައްދާލައިގެންނެވެ.
މިމެޗްގައި ދެލަނޑުގެ ލީޑެއް މުލިމަތިޓީމް ހޯދުމުން ޔޫތު ފައުންޑޭޝަންގެ ޓީމުން ލަނޑެއް ކާމިޔާބުކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރަމުންގޮސްފައިވެއެވެ. މިގޮތުން މެޗްގެ އެންމެ ފަހުމިނިޓްގެ ތެރޭގައި އެޓީމުން މުލިމަތިގޯލަށް ފޮނުވާލި ބޯޅައެއް ގޯލަށް ނުވަދެ ސަލާމަތްވީ ގޯލް ދަޑީގައި ޖެހިފައެވެ.
މެޗްގެ 60 ވަނަ މިނިޓްގައި މުލިމަތި ޓީމްގެ އިއްސޭއަށް ވަނީ ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ.
އަދި މީގެ އިތުރުން މުލިމަތިޓީމްގެ ރަމްޒީއަށާ އަދުނާނަށް ރެފްރީ ރީދޫ ކާޑު ދައްކާފައެވެ، އަދި ހުޅުދޫ ޔޫތު ފައުންޑޭޝަންގެ ޓީމުގެ ހަސަން އިރުފާނަށާ މުހައްމަދު ސަމީނު އަދި ސުފިޔާނުއަށްވެސް ރެފްރީވަނީ ރީދޫ ކާޑު ދައްކާފައެވެ.
މުބާރާތުގައި މިއަދު ހަވީރު ކުޅޭނީ ހިތަދޫ މަލްޓި ޖީނިއަސް އާއި މީދޫ ޗޭނު ޖަމިއްޔާއެވެ.