ކޮވިޑް-19ގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ކައުންސިލަރުން ދައުަތުގެ މާލިއްޔަތު ގަވައިދަށް އަހުލުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި ދުވަސްވަރަކީ މުޅި ދުނިޔެވެސް ބޮޑު އިޤްތިސާދީ ކާރިސާއެއްގެ ތެރޭގައި އޮތް ދުވަސްވަރެއް ކަމަށާއި، އެހެންކަމުން ޚަރަދުކުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭނެ ކަމަށެވެ
ކައުންސިލްތަކުގެ އަމާޒަކަށްވާންވާނީ ބްލޮކް ގްރާންޓް އަދި ކައުންސިލަށް ލިބޭ އާމްދަނީގެ ތެރޭގައި ޚަރަދުތައް މެނޭޖްކުރުން ކަމަށާއި، ޕްރިއަރަޓައިޒްކޮށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ކަންކަމަށް ޚަރަދުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިވަގުތަކީ ބޭނުންވިޔަސް, ބޭނުން ހުރިހާ ކަމެއްކުރެވޭނެ ވަގުތެއް ނޫންކަން އެންމެންވެސް ދަންނަންޖެހޭނެ ކަމަށާއި، މި ކާރިސާއާއި އެކު ދައުލަތަށް ލިބޭ އާމްދަނީވެސް ބޮޑުތަނުން ދަށަށް ދާން ފަށާފައިވާކަމަށް މިނިސްޓަރު ވިދާލުވިއެވެ.
"2020 ވަނައަހަރުގެ މީޑިއަމް ޓާމް ފިސްކަލް ސްޓެރެޓެޖީ އަށް ބަލާއިރު, އެއީ 2020 އިން ފެށިގެން 2022 ނިޔަލަށް, މި ޕެންޑެމިކްގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް 36 ބިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ. އެއީ ގާތްގަނޑަކަށް 2.3 ބިލިއަން ޑޮލަރުގެ ގެއްލުމެއް. އެހެންކަމުން މި ގެއްލުމުން އަންނަ ލޮޅުން ކުޑަކުރުމަށް ޚަރަދުތައް ކުޑަކުރަންޖެހޭ. އަދި ކޮންމެ ޚަރަދަކުން ލިބޭ މަންފާ އިތުރުކުރަން ޖެހޭ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ މި ޕެންޑެމިކް އާއި ގުޅިގެން އިތުރުވި ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ވީ އެންމެ އަވަހަކަށް ކުޑަކުރުމަކީ މެދުރާސްތާގައި ފިނޭންސް މިނިސްޓްރީގެ އެންމެ ބޮޑު އަމާޒު ކަމަށެވެ. މިކަން ކުރެވޭނީ އިޤްތިސާދު ސިންދަފާތުކޮށް ވީ އެންމެ އަވަހަކަށް ގައުމީ އުފެއްދުންތެރިކަން ކުރިއަރުވައި އަދި ފިސްކަލް ކޮންސޮލިޑޭޝަން ގެނެވިގެން ކަމަށާއި، 2022 ވަނައަހަރުގެ ބަޖެޓުގެ އަމާޒަކަށް ވާނީ މިކަން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނެވުނު އިސްލާހުތަކާއެކު ކުރިން ނެތް އެތައް އެތައް ކަންތައްތަކެއް ކުރުމުގެ ދޮރު ކައުންސިލްތަކަށް ފަހިވެގެންދާނެ ކަމަށެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަ ކޮށްލަން ބޭނުންވަނީ އާމްދަނީ ހޯދުމަށް ވިޔަފާރި ކުރުމަށް ކައުންސިލްތަކަށް ހުޅުވިގެންދާ ފުރުސަތުކަމަށާއި ކައުންސިލްގެ މާލީ ޙާލަތު ރަނގަޅުކޮށް އާ ހަރުފަތަކަށް ގެންދިޔުމަށް ވަރަށް ފުޅާ ދޮރެއް ހުޅުވިފައިވާކަމަށް ވިދާޅުވިއެވެ.