Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

މަހުލޫފް އެދެނީ މައްސަލައިގައި އަވަހަށް ގޮތެއް ނިންމައި ދިނުމަށް

މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ މައްސަލައިގައި ބޭނުންވަނީ ދައުވާ ކުރުމާމެދު އަވަހަށް ގޮތެއް ނިންމައި ދިނުމަށް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިފަދައިން ވިދާޅުވެފައިވަނީ އޭނާގެ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ ކަންކަން ލިބެންޖެހޭ ލިޔެކިޔުން ފުރިހަމަވުމުންކަމަށް ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވެފައިވާ ހަބަރު ޝެއާކުރައްވައެވެ.

މަހުލޫފް ވިދާޅުވެފައިވަނީ، ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން އޭސީސީއަށް ފޮނުވި ސިޓީން ޔަޤީންވާ ގޮތުން، 24 ޖެނުއަރީ ގައި ޑިއުޓިީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރުކޮށް ފުލުހުން ޕީޖީއަށް އޭނާގެ މައްސަލަ ހުށައެޅުމުން ތަހުގީގު ފުރިހަމަ ކުރަން އަންގާފައިވާކަމަށެވެ.

އޭގެ 5 މަސް ފަހުން އޭސީސީއިން ހަމަ މައްސަލަ އޮތްގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ފޮނުވާފައިވާކަމަށާއި އަނެއްކާވެސް ޕީޖީން އަންގާފައިވަނީ އެ މައްސަލަ ފުރިހަމަ ކުރުމަށްކަމަށް މަހުލޫފް ވިދާޅުވރފައިވެއެވެ. އަދި ދައުވާ ކުރިޔަސް އަދި ނުކުރިޔަސް އެއީ ޤާނޫނާ ހިލާފަށް ހޯދާފަހުރި ހެކިތަކެއްކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އަޅުގަނޑު އެދެނީ އަވަހަށް ގޮތެއް ނިންމަވާ ދެއްވުން." މަހުލޫފް ވިދާޅުވެފައިވެއެވެ.

މަހުލޫފްގެ މައްސަލައިގައި އޭސީސީން ބުނެފައިވަނީ އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރިކަމަށެވެ.

އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވާފައިވާއިރު އެ މައްސަލައާ ގުޅިގެން މަހުލޫފް ހުރީ މަގާމުގެ މައްސޫލިޔަތުތަކުން އެކަހެރި ކޮށްފައެވެ.