Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އިސްލާހާ މެދު އަދާލަތުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށްފި

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ޤާނޫނުލްއުޤޫބާތަށް ގެނެސްފައިވާ އިސްލާހާމެދު އަދާލަތު ޕާޓީގެ ކަންބޮޑުވުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހިއްސާކޮށްފިއެވެ.

އެ ބައްދަލުވުމާއި ގުޅޭގޮތުން އަދާލަތު ޕާޓީން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ، އެ ބިލާއި މެދު ހުރި ކަންބޮޑުވުން ރައީސްއާ ހިއްސާކުރި ކަމަށެވެ.

އަދި އެ ބިލު ޤާނޫނަކަށް ވެގެން އަންނައިރު ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހަކީ "ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހެކެވެ. އިސްލާހުގައި، އެ ޤާނޫނުގެ 124 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) ގައި ވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ. އަދި އިސްލާހުގެ (1) ވަނަ ނަންބަރުގެ (ii) ގައި ވަނީ، އިސްލާމީ އަޤީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ކުށެއްކަމަށެވެ.

ހުށަހަޅާފައިވާ އިސްލާހުގެ 3 އަދި 4 ވަނަ ނަމްބަރުގައި ވަނީ، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުމާއި، އާންމުތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށެއްކަމަށެވެ.