Last Updated: April 20, 18:06
Saturday, April 20, 2024
ޚަބަރު

އެކަށީގެންވާ ވަގުތުގައި އެޓެންޑުވި ނަމަ މިޝްކާ ސަލާމަތް ކުރެވުނީސް: ރިޕޯޓް

ކޮވިޑް-19 ގައި ރާއްޖެއިން މަރުވި އުމުރުން 10 އަހަރުގެ މިޝްކާ މުހައްމަދުގެ މަރުގެ މައްސަލައިގައި އެކަށީގެންވާ ވަގުތުގައި އެޓެންޑް ވިނަމަ މިޝްކާ ސަލާމަތް ކުރެވުނީސްކަމަށް ހެލްތް މިނިސްޓްރީގެ ކޭސް ރިޕޯޓްގައި ބުނެފިއެވެ.

މިޝްކާ މަރުގެ މައްސަލައިގައި އެކުލަވާލި ރިޕޯޓް ހެލްތް މިނިސްޓްރީން އާންމުކޮށްފައިވާއިރު ރިޕޯޓްގައި ވާގޮތުން ކޭސް ރިޕޯޓުކުރެވުނު ހިސާބުން ފެށިގެން އެމްބިއުލާންސް އެކްޓިވޭޓް ނުކުރެވި ދެ ގަޑިއިރާއި 26 މިނެޓު ހޭދަވެފައިވެ އެވެ.

ރިޕޯޓުގައި ބުނިގޮތުުގައި، ތަކުރާރުކޮށް އާއިލާ އިން ގުޅަމުން ދިޔަ ކޯލްތަކަށް އެޗްއީއޯސީން އެޓެންޑްވި ނަމަ މި ހާދިސާ ހިންގުމަކީ ނާދިރު ކަމެކެވެ.

މި ހާދިސާގައި އެޓެންޑްވާން ޖެހޭ ފަރާތްތަކުން ފަރުވާތެރިކަމާ އެކު އެކަށީގެންވާ ވަގުތުގެ ތެރޭގައި އެޓެންޑް ވެފައިވާ ނަމަ މި ހާދިސާ ހިނގުމަކީ ނާދިރު ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޑީއެމްއާރުޓީން އޮންލައިން ކޮންސަލްޓޭޝަން ހެދުމުގައި ބެއްލެވި ޑޮކްޓަރުން ވެސް ހާލަތު އެންމެ ރަނގަޅަށް ބަލާފައި ނުވާ ކަން ފާހަގަ ކޮށްފައިވެއެވެ.

މިޝްކާ މަރުގެ މައްސަލައިގައި ހެލްތް މިނިސްޓްރީއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު އެޗްއާރްސީއެމުން ވަނީ އެ މައްސަލަ ބަލައިދިނުމަށް ފުލުހުންގެ ކިބައިން އެދިފައެވެ.