އަންނަ ޖެނުއަރީ 18 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްގެ އިންތިހާބްގެ އައްޑޫ ސިޓީ ކައުންސިލަށް ކުރިމަތި ލާފައިވާ އެމްޑީޕީ ކެންޑިޑެޓުންގެ ތެރެއިން ޕާޓީ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީ މިއަދު ހެނދުނު 9 ން ފަށައިގެން ކުރިއަށް އެބަދެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ 6 ގޮޑީގެ ތެރެއިން ހިތަދޫ އުތުރު ދާއިރާއިން އެމްޑީޕީ ޓިކެޓްގައި ނިކުންނަނީ މިހާރުވެސް އެދައިރާ ތަމްސީލު ކުރާ އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގް (ސޯބެ) އެކަނިއެވެ. އެހެންވެ އެދާއިރާގެ ޕްރައިމަރީއެއް ނުބާއްވައެވެ.
ހިތަދޫ މެދު ދާއިރާގެ ޕްރައިމަރީގައި މިހާރު އެދާއިރާ ތަމްސީލް ކުރާ ހުސެއިން ހިލްމީގެ އިތުރުން އިތުރު 3 މީހަކު ވާދަ ކުރެއެވެ. އެއީ އިބްރަހިމް ނަސީމް އާއި އަލީ އަޝްޖައުގެ އިތުރުން ޒަމީން މުހައްމަދުއެވެ.
ހިތަދޫ ދެކުނު ދާއިރާގެ މިހާރުގެ ކައުންސިލަރު ހުސެއިން ފަހުމީ އާއި ވާދަކުރަނީ ދެކުނު ދާއިރާގެ ނައިބް ރައިސް ޔަސްރިފް މުހައްމަދު އާއި އިބްރާހިމް ރަޝީދުގެ އިތުރުން އިބްރާހިމް ޒަރީރް އެވެ.
މަރަދޫ ދާއިރާއިން މިހާރުގެ ކައުންސިލަރ ޠޮއްޔިބް އާއި ވާދަކުރަނީ ލަބީގް އެވެ.
ފޭދޫ ދާއިރާއިން ވާދަކުރަނީ އަވަށު ބޯޑުގެ ނައިބް ރައިސާ ހައްވާ ޡީނަތު އާއި އަލީ ފަހުމީގެ އިތުރުން އަސްވާން އާއި އަބްދުﷲ ސައީދްއެވެ.
ހުޅުމީދޫ ގޮޑިއަށް ޕްރައިމަރީގައި ވާދަކުރަނީ އަވަށު ބޯޑުގެ ރައިސް އިބްރާހިމް ދީދީ އާއި ނައިބް ރައިސް އަލީ މުހައްމަދު އެވެ.
ވޯޓު ލުން މިއަދު ހަވީރު 4:00 ޖެހުމާއި ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.